logo logo

طه

(1) ط هـ (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

مَا أَنْزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَى

(2) ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.

إِلَّا تَذْكِرَةً لِمَنْ يَخْشَى

(3) (اللَّهއަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ قرآن ބާވައެއް ނުލައްވަމެވެ.)

تَنْزِيلًا مِمَّنْ خَلَقَ الْأَرْضَ وَالسَّمَاوَاتِ الْعُلَى

(4) ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި ރަސްކަލާނގެ حضرةން ބާވައިލެއްވި وحىއެކެވެ.

الرَّحْمَنُ عَلَى الْعَرْشِ اسْتَوَى

(5) رحمنވަންތަ ރަސްކަލާނގެ، عرشގެ މައްޗަށް استواءވެ ވޮޑިގެންވިއެވެ.

لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى

(6) އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެއްޗާއި، އެދެމެދުގައިވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައިވާހާ ތަކެއްޗެއް، މިލްކުވެގެންވަނީ އެކަލާނގެއަށެވެ.

وَإِنْ تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى

(7) ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

اللَّهُ لَا إِلَهَ إِلَّا هُوَ لَهُ الْأَسْمَاءُ الْحُسْنَى

(8) اللَّهއީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއްވެވޭ إلهއަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި اسمފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ.

وَهَلْ أَتَاكَ حَدِيثُ مُوسَى

(9) موسىގެފާނުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

إِذْ رَأَى نَارًا فَقَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَعَلِّي آتِيكُمْ مِنْهَا بِقَبَسٍ أَوْ أَجِدُ عَلَى النَّارِ هُدًى

(10) އެކަލޭގެފާނަށް އަލިފާންގަނޑެއް ފެނިވަޑައިގެންނެވިހިނދެވެ. ފަހެ، އެކަލޭގެފާނުގެ أهلވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާނގައި ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. (އަހުރެން މިދަނީ) އެތަނުން ތިޔަބައިމީހުންނަށް ހުޅުކޮޅެއް ގެނެސްދެވޭތޯއެވެ. ނުވަތަ އެ އަލިފާންގަނޑުގެ ކައިރިން، އަހުރެންނަށް ކޮންމެވެސް މަގެއް ފެނޭތޯއެވެ.

فَلَمَّا أَتَاهَا نُودِيَ يَا مُوسَى

(11) ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ނިދާ އިއްވެވިއެވެ. އޭ موسىގެފާނެވެ!

إِنِّي أَنَا رَبُّكَ فَاخْلَعْ نَعْلَيْكَ إِنَّكَ بِالْوَادِ الْمُقَدَّسِ طُوًى

(12) ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިޔަހުންނެވީ، طوىއޭ ކިއުނު مقدّس وادىގައެވެ.

وَأَنَا اخْتَرْتُكَ فَاسْتَمِعْ لِمَا يُوحَى

(13) އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނު خيارކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ وحىއަށް ކަނުލައި އައްސަވާށެވެ!

إِنَّنِي أَنَا اللَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي

(14) ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّهއެވެ. ތިމަންރަސްކަލާނގެ މެނުވީ، إلهއަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائمކުރައްވާށެވެ!

إِنَّ السَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَى كُلُّ نَفْسٍ بِمَا تَسْعَى

(15) ހަމަކަށަވަރުން، قيامةވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. ތިމަންރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ، ކޮންމެ نفسއަކަށްވެސް،

فَلَا يَصُدَّنَّكَ عَنْهَا مَنْ لَا يُؤْمِنُ بِهَا وَاتَّبَعَ هَوَاهُ فَتَرْدَى

(16) ފަހެ، އެދުވަހަށް إيمان ނުވެ، އޭނާގެ هوىنفسއަށް تبعވެއްޖެމީހާ، ހަމަކަށަވަރުން، އެކަމުން (އެބަހީ: قيامةދުވަސް ހަނދުމަކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ! އޭރުން ކަލޭގެފާނު ހަލާކުވެދާ ހުށްޓެވެ.

وَمَا تِلْكَ بِيَمِينِكَ يَا مُوسَى

(17) އޭ موسىގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއްތޯއެވެ؟

قَالَ هِيَ عَصَايَ أَتَوَكَّأُ عَلَيْهَا وَأَهُشُّ بِهَا عَلَى غَنَمِي وَلِيَ فِيهَا مَآرِبُ أُخْرَى

(18) އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަޅުގެ އަސާއެވެ. އޭގެމައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ.

قَالَ أَلْقِهَا يَا مُوسَى

(19) އެކަލާނގެ وحىކުރެއްވިއެވެ. އޭ موسىގެފާނެވެ! އެ އަސާ އެއްލަވާށެވެ!

فَأَلْقَاهَا فَإِذَا هِيَ حَيَّةٌ تَسْعَى

(20) ފަހެ، އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެއޮތް ހަރުފައަކަށް ވެއްޖެއެވެ.

قَالَ خُذْهَا وَلَا تَخَفْ سَنُعِيدُهَا سِيرَتَهَا الْأُولَى

(21) އެކަލާނގެ وحىކުރެއްވިއެވެ. ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަންރަސްކަލާނގެ إعادةކުރައްވާހުށީމެވެ.

وَاضْمُمْ يَدَكَ إِلَى جَنَاحِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ آيَةً أُخْرَى

(22) އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅުދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްނެތި، ހުދުކޮށް (ވިދަވިދައި އޮންނަގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން معجزاتއެއްގެ ގޮތުގައެވެ.

لِنُرِيَكَ مِنْ آيَاتِنَا الْكُبْرَى

(23) ތިމަންރަސްކަލާނގެ ބޮޑެތި معجزاتތަކުގެ ތެރެއިން ބައެއް، ކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ.

اذْهَبْ إِلَى فِرْعَوْنَ إِنَّهُ طَغَى

(24) فرعونގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

قَالَ رَبِّ اشْرَحْ لِي صَدْرِي

(25) އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!

وَيَسِّرْ لِي أَمْرِي

(26) އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!

وَاحْلُلْ عُقْدَةً مِنْ لِسَانِي

(27) އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)

يَفْقَهُوا قَوْلِي

(28) އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ.

وَاجْعَلْ لِي وَزِيرًا مِنْ أَهْلِي

(29) އަދި ތިމަންކަލޭގެފާނުގެ أهلވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ!

هَارُونَ أَخِي

(30) (އެއީ) ތިމަންކަލޭގެފާނުގެ أخ هارونގެފާނެވެ.

اشْدُدْ بِهِ أَزْرِي

(31) އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ!

وَأَشْرِكْهُ فِي أَمْرِي

(32) އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: رسولކަމާއި، އެކަން تبليغކުރެއްވުމުގެ مسـئوليةގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!

كَيْ نُسَبِّحَكَ كَثِيرًا

(33) އަޅަމެން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيحދެންނެވުމަށްޓަކައެވެ.

وَنَذْكُرَكَ كَثِيرًا

(34) އަދި ގިނަގިނައިން އަޅަމެން އިބަރަސްކަލާނގެ ހަނދުމަކުޅައުމަށްޓަކައެވެ.

إِنَّكَ كُنْتَ بِنَا بَصِيرًا

(35) ހަމަކަށަވަރުން، އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިބަރަސްކަލާނގެ ވޮޑިގެންވަމުއެވެ.

قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَى

(36) އެކަލާނގެ وحىކުރެއްވިއެވެ. އޭ موسىގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވައިފިއެވެ.

وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَى

(37) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ.

إِذْ أَوْحَيْنَا إِلَى أُمِّكَ مَا يُوحَى

(38) إلهامކުރައްވާ އެއްޗެއް ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މަންމާއަށް إلهامކުރެއްވިހިނދެވެ.

أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِي وَعَدُوٌّ لَهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِنِّي وَلِتُصْنَعَ عَلَى عَيْنِي

(39) ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (نيل) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެތެވެ. (އޭރުން) ތިމަންރަސްކަލާނގެ عدوّ، އަދި އެ ދަރިކަލުންގެވެސް عدوّ އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ حضرةން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.

إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَى مَنْ يَكْفُلُهُ فَرَجَعْنَاكَ إِلَى أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَى قَدَرٍ يَا مُوسَى

(40) ކަލޭގެފާނުގެ أخت ވަޑައިގެން ވިދާޅުވި ހިނދެވެ. (ކިރުފޮދު އަރުވައި) އެ ދަރިކަލުން ބެލެހެއްޓުމަށް حوالވާނެ މީހަކު، ތިޔަބައިމީހުންނަށް ތިމަންދައްކަން ހެއްޔެވެ؟ ފަހެ، (މިގޮތުން) ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައިކަމަނާގެ އަރިހަށް ކަލޭގެފާނު އަނބުރާ ގެންދެވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصلވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަނުކުރެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނު މީހަކު قتلކުރެއްވުމުން ލިބިވަޑައިގެންނެވި ހިތާމަފުޅުން ތިމަންރަސްކަލާނގެ ކަލޭގެފާނު މިންޖުކުރެއްވީމެވެ. އަދި ކަލޭގެފާނު ފުރިހަމަޔަށް امتحانކުރެއްވީމެވެ.

وَاصْطَنَعْتُكَ لِنَفْسِي

(41) އަދި ތިމަންރަސްކަލާނގެއަށްޓަކައި (އެބަހީ: وحىއާއި رسالة تبليغކުރެއްވުމަށްޓަކައި) ތިމަންރަސްކަލާނގެ ކަލޭގެފާނު خيارކުރެއްވީމެވެ.

اذْهَبْ أَنْتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي

(42) ތިމަންރަސްކަލާނގެ آيةތަކާއިގެން ކަލޭގެފާނާއި، ކަލޭގެފާނުގެ

اذْهَبَا إِلَى فِرْعَوْنَ إِنَّهُ طَغَى

(43) فرعونގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

فَقُولَا لَهُ قَوْلًا لَيِّنًا لَعَلَّهُ يَتَذَكَّرُ أَوْ يَخْشَى

(44) ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.

قَالَا رَبَّنَا إِنَّنَا نَخَافُ أَنْ يَفْرُطَ عَلَيْنَا أَوْ أَنْ يَطْغَى

(45) އެ ދެބޭކަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އޭނާ އަޅަމެންގެ މައްޗަށް (عقوباتދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެކަމަށް، ހަމަކަށަވަރުން، އަޅަމެން ބިރުގަނެތެވެ.

قَالَ لَا تَخَافَا إِنَّنِي مَعَكُمَا أَسْمَعُ وَأَرَى

(46) އެކަލާނގެ وحىކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.

فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ قَدْ جِئْنَاكَ بِآيَةٍ مِنْ رَبِّكَ وَالسَّلَامُ عَلَى مَنِ اتَّبَعَ الْهُدَى

(47) ފަހެ، ތިޔަ ދެބޭކަލުން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ކަލޭގެ ވެރިރަސްކަލާނގެ ފޮނުއްވި ދެ رسولންނެވެ. ފަހެ، ތިމަންމެންނާ އެކުގައި إسـرآءيـلގެދަރިން ފޮނުވާށެވެ! އަދި އެއުރެންނަށް ކަލޭ عذاب ނުދޭށެވެ! ހަމަކަށަވަރުން، ކަލޭގެގާތަށް ތިމަންމެން މިއައީ، ކަލޭގެ ވެރިރަސްކަލާނގެ حضرةންވާ، معجزةއަކާއިގެންނެވެ. ތެދުމަގަށް تبعވެއްޖެ މީހަކަށް ސަލާމަތްކަން ހުށްޓެވެ.

إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَى مَنْ كَذَّبَ وَتَوَلَّى

(48) ހަމަކަށަވަރުން (اللَّهގެ رسالة) ދޮގުކޮށް، އެނބުރި ފުރަގަސްދިން މީހެއްގެ މައްޗަށް، ހަމަކަށަވަރުން، عذاب ހުރިކަމަށް ތިމަންމެންނަށް وحىކުރައްވާފައިވެއެވެ.

قَالَ فَمَنْ رَبُّكُمَا يَا مُوسَى

(49) އޭނާ ބުންޏެވެ. އޭ موسىގެފާނެވެ! ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟

قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى

(50) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعةދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.

قَالَ فَمَا بَالُ الْقُرُونِ الْأُولَى

(51) އޭނާ ބުންޏެވެ. އިހުގެ جيلތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟

قَالَ عِلْمُهَا عِنْدَ رَبِّي فِي كِتَابٍ لَا يَضِلُّ رَبِّي وَلَا يَنْسَى

(52) އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމުގެ علمވަނީ، ތިމަންގެ ވެރިރަސްކަލާނގެ حضرةގައި ލިޔުއްވާފައެވެ. ތިމަންގެ ވެރިރަސްކަލާނގެއަށް އޮޅިވޮޑިއެއް ނުގަންނަވަތެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑިއެއްވެސް ނުގަންނަވަތެވެ.

الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ أَزْوَاجًا مِنْ نَبَاتٍ شَتَّى

(53) އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި ރަސްކަލާނގެއެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ފެންވެއްސެވިއެވެ. ދެން އެ ފެނުގެ ސަބަބުން، ތިމަންރަސްކަލާނގެ ފަތްޕިލާވެލީގެ ތަފާތު ބާވަތްތައް ނެރުއްވީމެވެ.

كُلُوا وَارْعَوْا أَنْعَامَكُمْ إِنَّ فِي ذَلِكَ لَآيَاتٍ لِأُولِي النُّهَى

(54) ތިޔަބައިމީހުން ކާށެވެ! އަދި ތިޔަބައިމީހުންގެ نعمސޫފިތަކަށް ކާންދީ ހުއިހައްޕާށެވެ! ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهلވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى

(55) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ إعادةކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.

وَلَقَدْ أَرَيْنَاهُ آيَاتِنَا كُلَّهَا فَكَذَّبَ وَأَبَى

(56) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް ތިމަންރަސްކަލާނގެ ހުރިހާ آيةތަކެއް ދެއްކެވީމެވެ. ފަހެ، އޭނާ އެ آيةތައް ދޮގުކޮށް (إيمان ނުވެ) އެކަމުން މަނާވެގަތެވެ.

قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَا مُوسَى

(57) އޭނާ ބުންޏެވެ. އޭ موسىގެފާނެވެ! ކަލޭގެފާނު ތިމަންމެންގާތަށް ތިޔަވަޑައިގަތީ، ކަލޭގެފާނުގެ ޖާދޫގެ ބާރުން ތިމަންމެންގެ ބިމުން ތިމަންމެން ނެރުއްވުމަށްޓަކައިތޯއެވެ؟

فَلَنَأْتِيَنَّكَ بِسِحْرٍ مِثْلِهِ فَاجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَا نُخْلِفُهُ نَحْنُ وَلَا أَنْتَ مَكَانًا سُوًى

(58) ފަހެ، ހަމަކަށަވަރުން، އެފަދަ ޖާދޫއެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ، ތިމަންމެންވެސް އަދި ކަލޭގެފާނުވެސް އެއްބަސްވެ ހަމަހަމަވެގެންވާ ތަނެއްގެގޮތުން އެ موعدއަކާ خلاف ނުވާނެ موعدއެއް ތިމަންމެންނާއި، ކަލޭގެފާނާ ދެމެދު ކަނޑައަޅުއްވާށެވެ!

قَالَ مَوْعِدُكُمْ يَوْمُ الزِّينَةِ وَأَنْ يُحْشَرَ النَّاسُ ضُحًى

(59) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ موعدއަކީ ޒީނަތްތެރިކަމުގެ (عيد) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ.

فَتَوَلَّى فِرْعَوْنُ فَجَمَعَ كَيْدَهُ ثُمَّ أَتَى

(60) ދެން فرعون އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ حيلةތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.

قَالَ لَهُمْ مُوسَى وَيْلَكُمْ لَا تَفْتَرُوا عَلَى اللَّهِ كَذِبًا فَيُسْحِتَكُمْ بِعَذَابٍ وَقَدْ خَابَ مَنِ افْتَرَى

(61) موسىގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. اللَّهއާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، اللَّهގެ عذابގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (اللَّهއާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ.

فَتَنَازَعُوا أَمْرَهُمْ بَيْنَهُمْ وَأَسَرُّوا النَّجْوَى

(62) ދެން އެއުރެންގެ ކަންތަކާމެދު (އެބަހީ: موسىގެފާނާމެދު) އެއުރެންގެ މެދުގައި خلافވެ ދެކޮޅުވެރިވެއްޖައޫއެވެ. އަދި އެއުރެންކުޅަ ސައްލާތައް (މީސްތަކުންނަށް) އެއުރެން ސިއްރުކޮށްފޫއެވެ.

قَالُوا إِنْ هَذَانِ لَسَاحِرَانِ يُرِيدَانِ أَنْ يُخْرِجَاكُمْ مِنْ أَرْضِكُمْ بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ الْمُثْلَى

(63) އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެމީހުން އެދެނީ، އެ ދެމީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު دينއާއި ގޮތް، ނެތިކޮށްލުމަށެވެ.

فَأَجْمِعُوا كَيْدَكُمْ ثُمَّ ائْتُوا صَفًّا وَقَدْ أَفْلَحَ الْيَوْمَ مَنِ اسْتَعْلَى

(64) ފަހެ، ތިޔަބައިމީހުންގެ ރޭވުންތައް މޮޅަށް ރާވާށެވެ! ދެން ތިޔަބައިމީހުން (ޖާދޫގަރުންނާއި عامންގެ މީހުން) ސަފަކަށްތިބެ އަންނާށެވެ! ހަމަކަށަވަރުން، މިއަދު މޮޅުވެ، މަތިވެރިވި މީހަކަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ.

قَالُوا يَا مُوسَى إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ أَوَّلَ مَنْ أَلْقَى

(65) އެއުރެން ބުނެފޫއެވެ. އޭ موسىގެފާނެވެ! އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟

قَالَ بَلْ أَلْقُوا فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَى

(66) އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.

فَأَوْجَسَ فِي نَفْسِهِ خِيفَةً مُوسَى

(67) ފަހެ، موسىގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ.

قُلْنَا لَا تَخَفْ إِنَّكَ أَنْتَ الْأَعْلَى

(68) ތިމަންރަސްކަލާނގެ وحىކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ.

وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا إِنَّمَا صَنَعُوا كَيْدُ سَاحِرٍ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى

(69) އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ.

فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آمَنَّا بِرَبِّ هَارُونَ وَمُوسَى

(70) ފަހެ، ޖާދޫގަރުން سجدةއަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. هارونގެފާނާއި، موسىގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمانވެއްޖައީމުއެވެ.

قَالَ آمَنْتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ وَلَتَعْلَمُنَّ أَيُّنَا أَشَدُّ عَذَابًا وَأَبْقَى

(71) އޭނާ (އެބަހީ: فرعون) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذنދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: موسىގެފާނަށް) ތިޔަބައިމީހުން إيمانވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން صليبއަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު عذابއެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ.

قَالُوا لَنْ نُؤْثِرَكَ عَلَى مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا فَاقْضِ مَا أَنْتَ قَاضٍ إِنَّمَا تَقْضِي هَذِهِ الْحَيَاةَ الدُّنْيَا

(72) އެއުރެން ބުނޫއެވެ. بيانވެގެންވާ حجّةއާއި، دليلގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياةގައެވެ.

إِنَّا آمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَايَانَا وَمَا أَكْرَهْتَنَا عَلَيْهِ مِنَ السِّحْرِ وَاللَّهُ خَيْرٌ وَأَبْقَى

(73) ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمانވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް مجبورކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (عفوކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّهއީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّهُ مَنْ يَأْتِ رَبَّهُ مُجْرِمًا فَإِنَّ لَهُ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَى

(74) ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ حضرةއަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ.

وَمَنْ يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَئِكَ لَهُمُ الدَّرَجَاتُ الْعُلَى

(75) އަދި ހަމަކަށަވަރުން، مؤمنއެއްގެ ގޮތުގައި، صالح عملތައްކޮށް، އެކަލާނގެ حضرةއަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (آخرةގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ.

جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ جَزَاءُ مَنْ تَزَكَّى

(76) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި عدنއޭ ކިއުނު ސުވަރުގެތަކެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) طاهرވެގަތް މީހާގެ ޖަޒާއެވެ.

وَلَقَدْ أَوْحَيْنَا إِلَى مُوسَى أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَا تَخَافُ دَرَكًا وَلَا تَخْشَى

(77) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑުގައި ހިންގަވައި (مصرގެ ބިމުން) ނުކުމެވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް ކަނޑުގައި ހިކިފައިވާ މަގެއް ހައްދަވާށެވެ! (فرعونގެ لشكر) އަތުލައިގެންފާނެތީ، ބިރުފުޅުނުގެން ހުންނަވާ حالގައެވެ. އަދި (ކަނޑުގައި غرقވެދާނެތީވެސް) ބިރުފުޅުނުގެން ހުންނަވާ حالގައެވެ.

فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُمْ مِنَ الْيَمِّ مَا غَشِيَهُمْ

(78) ފަހެ، فرعون އޭނާގެ لشكرއާއިގެން އެއުރެންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ لشكر އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ.

وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَى

(79) فرعون އޭނާގެ قومގެމީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެއުރެންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ.

يَا بَنِي إِسْرَائِيلَ قَدْ أَنْجَيْنَاكُمْ مِنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَى

(80) އޭ إسـرآءيـلގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: موسىގެފާނަށް) طورފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) ميعادއެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. (ނޯޓު: منّއަކީ ބަޔެއް مفسّرން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّرން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوىއަކީ ބާވަތެއްގެ ދޫންޏެކެވެ.)

كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي وَمَنْ يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَى

(81) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ.

وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى

(82) توبةވެ إيمانވެ صالح عملކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.

وَمَا أَعْجَلَكَ عَنْ قَوْمِكَ يَا مُوسَى

(83) އޭ موسىގެފާނެވެ! ކަލޭގެފާނުގެ قومގެމީހުންނަށްވުރެން އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟

قَالَ هُمْ أُولَاءِ عَلَى أَثَرِي وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَى

(84) އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرةއަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ.

قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنْ بَعْدِكَ وَأَضَلَّهُمُ السَّامِرِيُّ

(85) އެކަލާނގެ وحىކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަހުގައި، ކަލޭގެފާނުގެ قومގެމީހުން امتحانކުރެއްވީމެވެ. އަދި السّامرىّ (އޭ ކިއުނު މީހަކު) އެއުރެން މަގުފުރެއްދިއެވެ.

فَرَجَعَ مُوسَى إِلَى قَوْمِهِ غَضْبَانَ أَسِفًا قَالَ يَا قَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا أَفَطَالَ عَلَيْكُمُ الْعَهْدُ أَمْ أَرَدْتُمْ أَنْ يَحِلَّ عَلَيْكُمْ غَضَبٌ مِنْ رَبِّكُمْ فَأَخْلَفْتُمْ مَوْعِدِي

(86) ފަހެ، موسىގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قومގެމީހުންގެ ގާތަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ރަނގަޅު وعدއަކުން وعدއެއް ނުކުރައްވާހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ މައްޗަށް ޒަމާން ދިގުވެގެން ދިޔައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ކޯފާއެއް އައުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ އެހެނީ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކުރި وعدއާ خلاف ވެއްޖައީމުއެވެ.

قَالُوا مَا أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَكِنَّا حُمِّلْنَا أَوْزَارًا مِنْ زِينَةِ الْقَوْمِ فَقَذَفْنَاهَا فَكَذَلِكَ أَلْقَى السَّامِرِيُّ

(87) އެއުރެން ދެންނެވޫއެވެ. ތިމަންމެން އަމިއްލަ اختيارއަކުން ކަލޭގެފާނަށް ކުޅަ وعدއަކާ خلافއެއް ނުވަމުއެވެ. އެހެނެއްކަމަކު، قومގެމީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ، ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމައެފަދައިން السّامرىّވެސް އުކިއެވެ.

فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَهُ خُوَارٌ فَقَالُوا هَذَا إِلَهُكُمْ وَإِلَهُ مُوسَى فَنَسِيَ

(88) ފަހެ، އޭނާ އެއުރެންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުނޫއެވެ. މިއީ ތިޔަބައިމީހުންގެ إلهއެވެ. އަދި موسىގެފާނުގެވެސް إلهއެވެ. (އެކަން އެންގެވުމަށް) موسىގެފާނު ހަނދުމަފުޅު ނެތުނީއެވެ.

أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا

(89) ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް، އަދި މަންފާއެއް ދިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟

وَلَقَدْ قَالَ لَهُمْ هَارُونُ مِنْ قَبْلُ يَا قَوْمِ إِنَّمَا فُتِنْتُمْ بِهِ وَإِنَّ رَبَّكُمُ الرَّحْمَنُ فَاتَّبِعُونِي وَأَطِيعُوا أَمْرِي

(90) ހަމަކަށަވަރުން، މީގެކުރިން هارونގެފާނު އެއުރެންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން امتحانކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، رحمنވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبعވާށެވެ! އަދި ތިމަންކަލޭގެފާނުގެ أمرއަށް ކިޔަމަންވާށެވެ!

قَالُوا لَنْ نَبْرَحَ عَلَيْهِ عَاكِفِينَ حَتَّى يَرْجِعَ إِلَيْنَا مُوسَى

(91) އެއުރެން ދެންނެވޫއެވެ. موسىގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ.

قَالَ يَا هَارُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوا

(92،93) އެކަލޭގެފާނު (އެބަހީ: موسىގެފާނު) ވިދާޅުވިއެވެ. އޭ هارونގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް تبعވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ أمرއަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟

أَلَّا تَتَّبِعَنِ أَفَعَصَيْتَ أَمْرِي

(92،93) އެކަލޭގެފާނު (އެބަހީ: موسىގެފާނު) ވިދާޅުވިއެވެ. އޭ هارونގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް تبعވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ أمرއަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟

قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي إِنِّي خَشِيتُ أَنْ تَقُولَ فَرَّقْتَ بَيْنَ بَنِي إِسْرَائِيلَ وَلَمْ تَرْقُبْ قَوْلِي

(94) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ! ހަމަކަށަވަރުން، إسـرآءيـلގެދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު انتظارއެއް ނުކުރައްވަމުއެވެ.

قَالَ فَمَا خَطْبُكَ يَا سَامِرِيُّ

(95) އެކަލޭގެފާނު (އެބަހީ: موسىގެފާނު) ވިދާޅުވިއެވެ. އޭ سامرىއެވެ! ފަހެ، ކަލޭ އެގޮތަށް ކަންތައްކުރަންޖެހުނީ ކީއްވެގެންހެއްޔެވެ؟

قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا بِهِ فَقَبَضْتُ قَبْضَةً مِنْ أَثَرِ الرَّسُولِ فَنَبَذْتُهَا وَكَذَلِكَ سَوَّلَتْ لِي نَفْسِي

(96) އެކަލޭގެ ދެންނެވިއެވެ. އެއުރެން ނުދެކޭ އެއްޗެއް ތިމަންނާ ދުށީމެވެ. ފަހެ، ފޮނުއްވާފައިވާ ملائكةއާގެ (އެބަހީ: جبريلގެފާނުގެ އަސްކޮޅުގެ) ފިޔަވަޅު ޖެހުނުތަނުން ފަސްމުށެއް ނެގީމެވެ. އަދި އެ ފަސްމުށް (އެ ގެރީގެ މައްޗަށް) އެއްލީމެވެ. ތިމަންގެ نفس ތިމަންނައަށް ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ.

قَالَ فَاذْهَبْ فَإِنَّ لَكَ فِي الْحَيَاةِ أَنْ تَقُولَ لَا مِسَاسَ وَإِنَّ لَكَ مَوْعِدًا لَنْ تُخْلَفَهُ وَانْظُرْ إِلَى إِلَهِكَ الَّذِي ظَلْتَ عَلَيْهِ عَاكِفًا لَنُحَرِّقَنَّهُ ثُمَّ لَنَنْسِفَنَّهُ فِي الْيَمِّ نَسْفًا

(97) އެކަލޭގެފާނު ވިދާޅުވިއެވެ! ފަހެ، ދާންއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، (ދުނިޔޭގެ) حياةގައި ކަލެޔަށްއޮތީ (އެއްވެސް މީހެއްގައި) ބީހުމެއްނެތޭ ބުނުމެވެ. އަދި ހަމަކަށަވަރުން (آخرةގައި) خلاف ނުވެވޭނެ موعدއެއް ކަލެޔަށް ވެއެވެ. އަދި ކަލޭ، އެއަށް އަޅުކަންކުރުންމަތީ ދެމިހުރި، ކަލޭގެ إلهއަށް ބަލާށެވެ! ހަމަށަވަރުން، ތިމަންކަލޭގެފާނު އޭތި އަންދައިލައްވާހުށީމެވެ. އަދި ހަމަކަށަވަރުން، ކަނޑުތެރެޔަށް އޭގެ އަޅިތައް ބުރުއްސައިލައްވާހުށީމެވެ.

إِنَّمَا إِلَهُكُمُ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ وَسِعَ كُلَّ شَيْءٍ عِلْمًا

(98) ހަމަކަށަވަރުން، ތިޔަބައިމީހުންގެ إلهއަކީ اللَّهއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި އެހެން إلهއަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެ علمފުޅު ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.

كَذَلِكَ نَقُصُّ عَلَيْكَ مِنْ أَنْبَاءِ مَا قَدْ سَبَقَ وَقَدْ آتَيْنَاكَ مِنْ لَدُنَّا ذِكْرًا

(99) އިސްވެދިޔަ أمّةތަކުގެ خبرތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةން ކަލޭގެފާނަށް قرآن ދެއްވީމެވެ.

مَنْ أَعْرَضَ عَنْهُ فَإِنَّهُ يَحْمِلُ يَوْمَ الْقِيَامَةِ وِزْرًا

(100) އެ قرآنއަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކު قيامةދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުށްޓެވެ.

خَالِدِينَ فِيهِ وَسَاءَ لَهُمْ يَوْمَ الْقِيَامَةِ حِمْلًا

(101) އޭގެ عذابގައި އެއުރެން ދެމިތިބޭ حالގައެވެ. އަދި قيامةދުވަހުން އެއުރެން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ!

يَوْمَ يُنْفَخُ فِي الصُّورِ وَنَحْشُرُ الْمُجْرِمِينَ يَوْمَئِذٍ زُرْقًا

(102)  ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ حال، محشرއަށް ފޮނުއްވާހުށީމެވެ.

يَتَخَافَتُونَ بَيْنَهُمْ إِنْ لَبِثْتُمْ إِلَّا عَشْرًا

(103) އެއުރެންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެތެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ.

نَحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِنْ لَبِثْتُمْ إِلَّا يَوْمًا

(104) އެއުރެން (އެބަހީ: كافرން) ބުނެއުޅޭ ބަސްތައް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އެއުރެންކުރެ އެންމެ ރަނގަޅުގޮތަށް ވިސްނިމީހާ ބުނިހިނދެވެ. ތިޔަބައިމީހުން އެންމެ ދުވަހަކު މެނުވީ ނުތިބެމުއެވެ.

وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنْسِفُهَا رَبِّي نَسْفًا

(105) އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.

فَيَذَرُهَا قَاعًا صَفْصَفًا

(106) ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.

لَا تَرَى فِيهَا عِوَجًا وَلَا أَمْتًا

(107) އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ.

يَوْمَئِذٍ يَتَّبِعُونَ الدَّاعِيَ لَا عِوَجَ لَهُ وَخَشَعَتِ الْأَصْوَاتُ لِلرَّحْمَنِ فَلَا تَسْمَعُ إِلَّا هَمْسًا

(108) އެދުވަހުން ގޮވައިލާމީހާއަށް އެއުރެން تبعވާނެތެވެ. އެކަމަށް އެއްވެސް ގުދުކަމެއްނެތެވެ. އަދި رحمنވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ.

يَوْمَئِذٍ لَا تَنْفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَنُ وَرَضِيَ لَهُ قَوْلًا

(109) رحمنވަންތަ ރަސްކަލާނގެ އެމީހަކަށް إذنދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން شفاعةތެރިވުމުގެ މަންފާއެއް ނުކުރާނެތެވެ.

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا

(110) އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއުރެންނަކަށް އެކަންތައްތަކެއް އެނގިގެނެއް ނުވެތެވެ.

وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ وَقَدْ خَابَ مَنْ حَمَلَ ظُلْمًا

(111) ދިރިދެމިވޮޑިގެންވާ، دائمއަށް قائمވެވޮޑިގެންވާ ރަސްކަލާނގެއަށްޓަކައި، މޫނުތައް ދެރަވެ ނިކަމެތިވެއްޖެއެވެ. އަދި (شركގެ) އަނިޔާވެރިކަން އުފުލައިގެން އަންނަމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.

وَمَنْ يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا

(112) އަދި مؤمنއަކު ކަމުގައިވާ حال، صالح عملތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حقއެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ.

وَكَذَلِكَ أَنْزَلْنَاهُ قُرْآنًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ الْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا

(113) އަދި ހަމައެފަދައިން، عربބަހުންވާ قرآنއެއްކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. އަދި އެ ފޮތުގައި ތިމަންރަސްކަލާނގެ وعيدތައް تفصيلކޮށް بيانކުރެއްވީމެވެ. (އެއީ) އެއުރެން ބިރުވެތިވެ، تقوىވެރިވުމަށްޓަކައެވެ. ނުވަތަ އެއުރެންނަށް ހަނދާންކޮށްދީ، عبرة ލިބިދިނުމަށެވެ.

فَتَعَالَى اللَّهُ الْمَلِكُ الْحَقُّ وَلَا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَى إِلَيْكَ وَحْيُهُ وَقُلْ رَبِّ زِدْنِي عِلْمًا

(114) ފަހެ، ރަސްވަންތަ، حقވަންތަ اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް وحىބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ قرآن ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ!

وَلَقَدْ عَهِدْنَا إِلَى آدَمَ مِنْ قَبْلُ فَنَسِيَ وَلَمْ نَجِدْ لَهُ عَزْمًا

(115) ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ آدمގެފާނަށް وصيّةކުރައްވައި، عهد ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ عهد) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް عزمއަކާއި، ثابتކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى

(116) آدمގެފާނަށް ތިޔަބައިމީހުން سجدةކުރާށޭ ތިމަންރަސްކަލާނގެ ملائكةންނަށް وحىކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكةން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ.

فَقُلْنَا يَا آدَمُ إِنَّ هَذَا عَدُوٌّ لَكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَى

(117) ފަހެ، ތިމަންރަސްކަލާނގެ وحىކުރެއްވީމެވެ. އޭ آدمގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوةތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَى

(118) ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ.

وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَى

(119) އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ.

فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لَا يَبْلَى

(120) ފަހެ، شيطانއާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدمގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟

فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَعَصَى آدَمُ رَبَّهُ فَغَوَى

(121) ފަހެ، އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ عورة، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން عورةނިވާކުރައްވަން ފެއްޓެވިއެވެ. އަދި آدمގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ مقصد حاصلނުވެ މަގުގެއްލުނެވެ.

ثُمَّ اجْتَبَاهُ رَبُّهُ فَتَابَ عَلَيْهِ وَهَدَى

(122) ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيارކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ މައްޗަށް توبةލައްވައި ތެދުމަގު ދެއްކެވިއެވެ.

قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى

(123) އެކަލާނގެ وحىކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް عداوةތެރިން ކަމުގައިވާ حالގައެވެ. ފަހެ، ތިމަންރަސްކަލާނގެ حضرةން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް تبعވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.

وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى

(124) އަދި ތިމަންރަސްކަލާނގެ قرآنއަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامةދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ.

قَالَ رَبِّ لِمَ حَشَرْتَنِي أَعْمَى وَقَدْ كُنْتُ بَصِيرًا

(125) އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشرއަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ.

قَالَ كَذَلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنْسَى

(126) އެކަލާނގެ وحىކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آيةތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آيةތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّهގެ رحمةން محرومކޮށްލެވޭނެތެވެ.)

وَكَذَلِكَ نَجْزِي مَنْ أَسْرَفَ وَلَمْ يُؤْمِنْ بِآيَاتِ رَبِّهِ وَلَعَذَابُ الْآخِرَةِ أَشَدُّ وَأَبْقَى

(127) އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރިރަސްކަލާނގެ آيةތަކަށް إيمان ނުވިމީހާއަށް، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، آخرةގެ عذاب މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.

أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُمْ مِنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ إِنَّ فِي ذَلِكَ لَآيَاتٍ لِأُولِي النُّهَى

(128) ފަހެ، އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيانވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި، އެއުރެން ހިނގައިއުޅޭ حالގައެވެ. ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهلވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ لَكَانَ لِزَامًا وَأَجَلٌ مُسَمًّى

(129) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން (އެއުރެންނަށް عذاب ލަސްކުރެއްވުމުގެ) كلمةފުޅެއް އިސްވެގޮސްފައި ނުވާނަމަ، އަދި ކަނޑައެޅިގެންވާ މުއްދަތެއް ނުވާނަމަ (އެއުރެންނަށް ދުނިޔެމަތީގައި) عذابދެއްވުން لازمވެއްޖައީހެވެ.

فَاصْبِرْ عَلَى مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا وَمِنْ آنَاءِ اللَّيْلِ فَسَبِّحْ وَأَطْرَافَ النَّهَارِ لَعَلَّكَ تَرْضَى

(130) ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيحވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު تسبيحވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި آيةގައި فرضފަސްނަމާދުގެ ވަގުތުތައް بيانވެގެންވާ ކަމުގައި مفسّرން ލިޔުއްވާފައިވެއެވެ.)

وَلَا تَمُدَّنَّ عَيْنَيْكَ إِلَى مَا مَتَّعْنَا بِهِ أَزْوَاجًا مِنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَى

(131) އަދި އެއުރެންގެ ތެރެއިން ބަޔަކަށް دنيوى حياةގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން امتحانކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا لَا نَسْأَلُكَ رِزْقًا نَحْنُ نَرْزُقُكَ وَالْعَاقِبَةُ لِلتَّقْوَى

(132) އަދި ކަލޭގެފާނުގެ أهلވެރިންނަށް ނަމާދުކުރުމަށް أمرކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزقދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزقދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوىވެރިންނަށެވެ.

وَقَالُوا لَوْلَا يَأْتِينَا بِآيَةٍ مِنْ رَبِّهِ أَوَلَمْ تَأْتِهِمْ بَيِّنَةُ مَا فِي الصُّحُفِ الْأُولَى

(133) އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އެކަލޭގެފާނު ތިމަންމެންނަށް معجزةއެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި بيانވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟

وَلَوْ أَنَّا أَهْلَكْنَاهُمْ بِعَذَابٍ مِنْ قَبْلِهِ لَقَالُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ مِنْ قَبْلِ أَنْ نَذِلَّ وَنَخْزَى

(134) އޭގެކުރިން (އެބަހީ: قرآن ބާވައިލެއްވުމުގެ، ނުވަތަ محمدގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذابން އެއުރެން ހަލާކުކުރެއްވިނަމަ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ ގާތަށް رسولއަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ، އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަރަސްކަލާނގެ آيةތަކަށް تبعވީމުހެވެ.

قُلْ كُلٌّ مُتَرَبِّصٌ فَتَرَبَّصُوا فَسَتَعْلَمُونَ مَنْ أَصْحَابُ الصِّرَاطِ السَّوِيِّ وَمَنِ اهْتَدَى

(135) ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظارކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް انتظارކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ أهلވެރިންނަކީ އަދި هداية ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.