(1) ط س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.) މިއީ ކީރިތި قرآنގެ އަދި ބަޔާންވެގެންވާ ފޮތެއްގެ آيةތަކެވެ. (އެބަހީ: ބަޔާންވެގެންވާ ފޮތެއްކަމުގައިވާ قرآنގެ آيةތަކެވެ.)
(2) (އެއީ) مؤمنންނަށް ތެދުމަގެކެވެ. އަދި އުފާވެރި خبرއެއްމެއެވެ.
(3) އެއުރެންނީ ނަމާދު قائمކޮށް، زكاةދީ، އަދި آخرةދުވަހާމެދު يقينކުރާ މީހުންނެވެ.
(4) ހަމަކަށަވަރުން، آخرةދުވަހަށް إيمان ނުވާ މީހުންނަށް ތިމަންރަސްކަލާނގެ އެއުރެންގެ عملތައް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ، އެއުރެންވަނީ حيرانވެ، ދެފުށުއެޅޭ حالގައެވެ.
(5) އެއުރެންނީ އެއުރެންނަށް ނުބައިވެގެންވާ عذابހުރި މީހުންނެވެ. އަދި އެއުރެންނީ آخرةގައި ހަމައެންމެ ގެއްލެނިވެގެންވާ މީހުންނެވެ.
(6) ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيمވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرةންކަން ކަށަވަރެވެ.
(7) موسىގެފާނު އެކަލޭގެފާނުގެ أهلވެރިންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެތަނުން خبرއަކާއިގެން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާހުށީމެވެ. ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް ހުޅުކޮޅެއް ގެންނަވާހުށީމެވެ.
(8) ފަހެ، موسىގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އަލިފާންގަނޑުގެ ކައިރީގައިވާ މީހަކަށާއި (އެބަހީ: موسىގެފާނަށާއި) އަލިފާންގަނޑުގެ ވަށައިގެންވާ ބަޔަކަށް (އެބަހީ: ملائكةންނަށް) بركاتލައްވާފައިވެއެވެ. عالمތަކުގެ ވެރި اللَّه، ހުސްطاهرވަންތަވެވޮޑިގެންވެއެވެ.
(9) އޭ موسىގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عزيزވަންތަ، حكيمވަންތަ اللَّهއެވެ.
(10) އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފަޔެއްހެން ހެލިފެލިވާތީ، ފެނިވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ދެން وحىކުރެއްވިއެވެ.) އޭ موسىގެފާނެވެ! ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةގައި رسولން (އެއްވެސް އެއްޗެއް ދެކެ) ބިރުފުޅެއް ނުގަންނާނެތެވެ.
(11) އެހެނެއްކަމަކު، އަނިޔާވެރިވެ، ނުބައިކަމެއް ކުރުމަށްފަހު، އޭގެބަދަލުގައި ރަނގަޅުކަމެއްކޮށްފި މީހަކަށް، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
(12) އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. فرعونއާއި، އޭނާގެ قومގެމީހުންނަށް ފޮނުއްވި ނުވަ معجزاتގެ ތެރެއިންނެވެ. ހަމަކަށަވަރުން، فاسقބަޔަކުކަމުގައި، އެއުރެންވޫއެވެ.
(13) ފަހެ، ތިމަންރަސްކަލާނގެ معجزاتތައް ފާޅުވެގެންވާ حالގައި އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނެފޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
(14) އަދި އެ آيةތައް އެއީ، ތެދުކަން އެއުރެންގެ نفسތަކަށް يقينވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ آيةތަކަށް އެއުރެން إنكارކުރޫއެވެ.
(15) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داودގެފާނާއި، سليمانގެފާނަށް علمވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمدހުރީ اللَّهއަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمانވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ.
(16) އަދި داودގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، سليمانގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން، މިކަންތަކަކީ، ފާޅުވެ އެނގިގެންވާ فضلވަންތަ ކަމެއްކަން ކަށަވަރެވެ.
(17) އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން سليمانގެފާނަށް އެކަލޭގެފާނުގެ لشكر އެއްކުރެއްވުނެވެ. ފަހެ، އެ لشكر އެތުރިގެންވެއެވެ.
(18) (ދެން لشكرއާއިގެން) ހިނީގެ وادىއަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمانގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.
(19) ފަހެ (سليمانގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمةއަށް شكرކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عملކުރުމަށް މިއަޅާއަށް إلهامކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمةފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
(20) އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيبވެގެންވީ ހެއްޔެވެ؟
(21) ހަމަކަށަވަރުން، (އޭތީގެ عذرއެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوباتއެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.
(22) ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمنކަރައިގެ) سبإއިން يقينވެގެންވާ خبرއަކާއިގެންނެވެ.
(23) އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تختއެއް ވެއެވެ.
(24) އެކަމަނާއާއި، އެކަމަނާގެ قومގެމީހުން، اللَّه ފިޔަވައި އިރަށް سجدةކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطانއާ އެއުރެންނަށް އެއުރެންގެ عملތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ.
(25) އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّهއަށް سجدة ނުކުރުމަށް شيطانއާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ.
(26) اللَّهއީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއްވެވޭ إلهއަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرشގެ ވެރިރަސްކަލާނގެއެވެ.
(27) އެކަލޭގެފާނު (هُدهُدއަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ.
(28) އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ!
(29) (ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قومގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ.
(30) އެއީ، ހަމަކަށަވަރުން، سليمانގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.)
(31) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلامވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!
(32) އެކަމަނާ ވިދާޅުވިއެވެ. އޭ (قومގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضرވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ.
(33) އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمرއަކާމެދު ވިސްނަވާށެވެ!
(34) އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فسادކުރައްވައި، އަދި އެރަށެއްގެ أهلވެރިންކުރެ عزّةތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ.
(35) އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظارކުރައްވާނަމެވެ.
(36) ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمانގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مددކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ.
(37) ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ لشكرއަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ حالގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ.
(38) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، إسلامވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ تخت ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟
(39) ޖިންނީންގެ ތެރެއިން عفريتއަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانةތެރިއަކީމެވެ.
(40) (ބާވައިލެއްވި) ފޮތުން علمލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضلވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمةއަށް شكرކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحانކުރެއްވުމަށްޓަކައެވެ. شكرކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكرކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفسއަށެވެ. އަދި (نعمةއަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.
(41) އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެކަމަނާގެ تختގެ ސިފަ ބަދަލުކޮށްލާށެވެ!
(42) ފަހެ، އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. ކަމަނާގެ تختވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (سليمانގެފާނު ވިދާޅުވިއެވެ.) އެކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، علم ލިބިފައެވެ. އަދި (އެކަމަނާގެ ކުރިން) ތިމަންމެން مسلمންކަމުގައި ވީމުއެވެ.
(43) އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، كافر قومއެއްގެ މީހުންގެ ތެރެއިންނެވެ.
(44) އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشفކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلامވުމަށް سليمانގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفسއަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمانގެފާނުގެ އަރިހުގައިވެ، عالمތަކުގެވެރި اللَّهއަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.
(45) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمودބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالحގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّهއަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ.
(46) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّهއަށް دعاء ނުކުރާނޫހެއްޔެވެ؟
(47) އެއުރެން ދެންނެވޫއެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަން ތިމަންމެންނަށް ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّهގެ حضرةގައެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ، امتحانވެވޭ ބަޔެކެވެ.
(48) އަދި އެރަށުގައި ނުވަމީހަކު އުޅުނެވެ. އެއުރެން ބިމުގައި فسادއުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) إصلاحއެއް ނުކުރެތެވެ.
(49) އެއުރެން ބުނެފޫއެވެ. ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް اللَّهގަންދީ ތިޔަބައިމީހުން ހުވާކުރާށެވެ! ދެން ހަމަކަށަވަރުން، އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ أهلވެރިން އަވަހާރަކޮށްލިތަނެއް ތިމަންމެން ނުވެސް ދެކެމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ.
(50) އަދި އެއުރެން މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭވުމެއް ރޭއްވެވީމެވެ. އެއުރެންނަކަށް އެކަމެއް ނޭނގެއެވެ.
(51) ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނާއި އެއުރެންގެ قومގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ.
(52) ފަހެ، އެހުރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
(53) އަދި إيمانވެ تقوىވެރިކަންމަތީ އުޅުނުމީހުން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.
(54) لوطގެފާނު، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެދެނެތިބި حال، فاحش عملތައް ކުރަނީހެއްޔެވެ؟
(55) ހަމަކަށަވަރުން، ތިޔަބައިމީހުން شهوانىއެދުން ފުއްދުމަށްޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމުއެވެ.
(56) ފަހެ، އެކަލޭގެފާނުގެ قومގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން لوطގެފާނާއި، އެކަލޭގެފާނަށް تبعވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ طاهرވެ ތިބޭބަޔެކެވެ.
(57) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ أهلވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. عذابގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ.
(58) އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذارވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!
(59) ކަލޭގެފާނު ވިދާޅުވާށެވެ! حمدހުރީ اللَّهއަށެވެ. އަދި އެކަލާނގެ خيارކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް سلامހުށްޓެވެ. ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريكކުރާ އެއްޗެތި ހެއްޔެވެ؟
(60) ނުވަތަ އުޑުތަކާއި، ބިން ހެއްދެވި، އަދި ތިޔަބައިމީހުންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވި ރަސްކަލާނގެ ހެއްޔެވެ؟ ފަހެ، ރީތިކަމާއި ހިތްފަސޭހަކަމުން ފުރިގެންވާ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ފެނުން ފެޅުއްވީމެވެ. އެ ބަގީޗާގެ ގަސްތައް ފެޅުވުމަކީ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ. اللَّهއާ އެކުގައި އެހެން إلهއަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ (حقން) އެއްކިބާވާ ބަޔެކެވެ.
(61) ނުވަތަ قرارވެ ތިބުމުގެ ތަނެއްކަމުގައި، ބިންލައްވައި އެތާނގައި ކޯރުތައް ލައްވައި، އަދި އެތާނގައި ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި (މީރުފެނާއި ލޮނުފެނުގެ) ދެ ކަނޑު ދެމެދުގައި ހުރަހެއް ލެއްވި ރަސްކަލާނގެ ހެއްޔެވެ؟ اللَّهއާ އެކުގައި އެހެން إلهއަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުނެއް (އެކަމެއް) ނުދަނެތެވެ.
(62) ނުވަތަ ދަތި އުނދަގޫ حالޖެހިފައިވާ މީހާ، އެކަލާނގެއަށް دعاءކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفةއިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّهއާއެކު އެހެން إلهއަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
(63) ނުވަތަ އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރޭގައި، ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާ، އަދި އެކަލާނގެ رحمة (ގެ ވާރޭ) ގެ ކުރިޔަށް އުފާވެރި خبرއެއްގެ ގޮތުގައި (ވިލާގަނޑުގެ) ވައި ފޮނުއްވާ ރަސްކަލާނގެހެއްޔެވެ؟ اللَّهއާއެކު އެހެން إلهއަކު ވޭހެއްޔެވެ؟ އެއުރެން އެ شريكކުރާ ތަކެއްޗަށްވުރެން اللَّه މަތިވެރިވެވޮޑިގެންވެއެވެ.
(64) ނުވަތަ (ނެތުމުގެތެރޭން) خلقތަކުން އަލަށް އުފައްދަވައި، ދެން އެ ތަކެތި އަލުން إعادةކުރައްވައި، އަދި އުޑާއި، ބިމުން ތިޔަބައިމީހުންނަށް رزقދެއްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّهއާއެކު އެހެން إلهއަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ތިޔަބައިމީހުންގެ دليل ތިޔަބައިމީހުން ގެނެސްބަލާށެވެ!
(65) ކަލޭގެފާނު ވިދާޅުވާށެވެ! اللَّهއަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيبގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشرއަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ.
(66) އަދި ކިއެއްތަ! آخرةއާ ހަމަޔަށް އެއުރެންގެ علم ފޯރީހެއްޔެވެ؟ އަދި ކިއެއްތަ! އެދުވަހާމެދުގައި އެއުރެންވަނީ شكކަމެއްގައެވެ. އަދި ކިއެއްތަ؟ އެދުވަހާމެދު އެއުރެންވަނީ ކަނުބަޔަކު ކަމުގައެވެ.
(67) كافرވި މީހުން ބުނެފޫއެވެ. ތިމަންމެންނާ، ތިމަންމެންގެ ކާބަފައިން (މަރުވެ) ވެއްޔަށް ވެދާހިނދު، ހަމަކަށަވަރުން، ތިމަންމެންނީ އަލުން (ދިރުއްވައި) ނެރުއްވާނޭ ބަޔެއް ހެއްޔެވެ؟
(68) ހަމަށަވަރުން، ތިމަންމެންނާއި، ތިމަންމެންގެ ކާބަފައިންނަށް މީގެކުރިންވެސް މިކަންތައް وعدކުރައްވާފައިވެއެވެ. އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެއް ކަމުގައިމެނުވީ މިކަންތައް ނުވެއެވެ.
(69) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ފަހެ، ކުށްވެރިންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
(70) އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން މަކަރުހަދާ ކަންތަކުން ހިތްޕުޅު ދަތިވުމެއްގެ ތެރޭގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!
(71) އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަަ ތިޔަ (ބުނާ عذابގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
(72) ކަލޭގެފާނު ވިދާޅުވާށެވެ! އަވަސްކުރުމަށް ތިޔަބައިމީހުން އެދޭ ބައެއްކަންތައް (އެބަހީ: عذاب) ތިޔަބައިމީހުންނާ ދާދިކައިރިވެފައިވުން އެކަށީގެންވެއެވެ.
(73) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުންގެ މައްޗަށް فضلވަންތަ ވެރިރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން شكرއެއް ނުކުރެތެވެ.
(74) އެއުރެންގެ ހިތްތަކުގައި ފޮރުވާ ކަންތަކާއި، އެއުރެން ފާޅުކުރާ ކަންތައް، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.
(75) އަދި އުޑާއި، ބިމުގައިވިޔަސް (އެކަލާނގެއަށް) ފޮރުވިގެންވާ އެއްވެސް ކަމެއް ނުވެއެވެ. އެ ހުރިހާ ކަމެއްވަނީ، ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވައިފައެވެ.
(76) إسـرآءيـلގެދަރިން، އެކަންކަމާމެދު ދެބަސްވާ ކަންތަކުގެ ތެރެއިން ގިނަކަންތައް ހަމަކަށަވަރުން، މި قرآن، އެއުރެންނަށް ކިޔައިދީ ބަޔާންކޮށްދެއެވެ.
(77) އަދި ހަމަކަށަވަރުން، އެ قرآنއަކީ، مؤمنތަކުންނަށްވާ هدايةއަކާއި، رحمةއެއްކަން ކަަށަވަރެވެ.
(78) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (قيامةދުވަހުން) އެއުރެންގެ މެދުގައި އެކަލާނގެ (عدلވެރި) حكمފުޅުން ނިޔާކުރައްވާނެތެވެ. އަދި އެކަލާނގެއީ، عزيزވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
(79) ފަހެ، ކަލޭގެފާނު اللَّهއަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ބަޔާންވެގެންވާ حق މަގުގައެވެ.
(80) ހަމަކަށަވަރުން، މަރުވެފައިތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް، އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ.
(81) އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާކުރައްވައި، (ތެދުމަގު ދައްކަވާ) هادىއަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ آيةތަކަށް إيمانވާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނީއްވެވޭނެއެވެ. ފަހެ، އެއުރެންނީ، اللَّهއަށް ކިޔަމަންވާ މީހުންނެވެ.
(82) އެއުރެންގެ މައްޗަށް (عذابގެ) ބަސްފުޅު حقވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކަށް
(83) ކޮންމެ أمّةއަކުން ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަ މީހުންގެ ތެރެއިން ބަޔަކު ތިމަންރަސްކަލާނގެ އެއްކުރައްވައި، محشرއަށް ފޮނުއްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން ބައިބަޔަށް ބައިތިއްބަވަމުން ގެންދަވާނެތެވެ.
(84) (اللَّهގެ حضرةއަށް) އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. އެހިނދު އެކަލާނގެ وحىކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އެއާބެހޭ علمއެއް ލިބިފައިނެތް حال، ތިޔަބައިމީހުން ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅައީ ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކުރަމުންގެންދިޔައީ ކޮންކަމެއް ހެއްޔެވެ؟
(85) އަދި އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ عذاب އައިސް ޖެހިއްޖެއެވެ. އެއީ އެއުރެން އަނިޔާވެރިވީ ކަމަށްޓަކައެވެ. ފަހެ، އެއުރެންނަކަށް (އެދުވަހުން) އެއްވެސް ވާހަކައެއް ނުދެއްކޭނެތެވެ.
(86) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ރޭގަނޑު ލައްވާފައިވަނީ، އެވަގުތުގައި އެއުރެން ހަމަހިމޭންކަމާއި، އަރާމު ލިބިތިބުމަށާއި، އަދި ދުވާލު ލައްވާފައިވަނީ (މަސައްކަތްކޮށް އުޅުމަށްޓަކައި) ތަންތަން ފެންނަގޮތުގައިކަން އެއުރެން ނުދެކޭހެއްޔެވެ؟ ހަމަކަށަވަރުން، إيمانވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
(87) ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެހިނދު) اللَّه އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ حالގައި އެކަލާނގެ حضرةއަށް އަންނާނެތެވެ.
(88) އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّهގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
(89) ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرةގައި) ހުށްޓެވެ. އަދި އެދުވަހުން އެއުރެންވަނީ، ހުރިހާ ބިރުވެރިކަމަކުން أمانކަން ލިބިގެންނެވެ.
(90) އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މޫނުތައް ވަތަށް، ނަރަކައަށް ވެއްޓޭހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
(91) ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް أمرކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: مكةގެ) ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއީ، އެރަށް حرمةތެރިކުރެއްވި ރަސްކަލާނގެއެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނަށް أمرކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلمންގެ ތެރެއިން ވުމަށެވެ.
(92) އަދި قرآنކިޔެވުމަށްވެސް ތިމަންކަލޭގެފާނަށް أمرކުރައްވާފައިވެއެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفسއަށްޓަކައެވެ. އަދި މަގުފުރެދިއްޖެމީހާ (ދަންނާށެވެ! އެކަމުގެ ނުބައިކަން އޮތްކަން ކަށަވަރީވެސް ހަމަ އޭނާއަށެވެ!) ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، إنذارކުރައްވާ ބޭކަލުންގެ ތެރެއިންނެވެ.
(93) އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمدހުރީ اللَّهއަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންކުރާ عملތަކާމެދު غافلވެވޮޑިގެނެއްނުވެތެވެ.