logo logo

حم

(1) ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)

تَنْزِيلٌ مِنَ الرَّحْمَنِ الرَّحِيمِ

(2) މިއީ رحمنވަންތަ رحيمވަންތަ ރަސްކަލާނގެ حضرةން ބާވައިލެއްވި ފޮތެކެވެ.

كِتَابٌ فُصِّلَتْ آيَاتُهُ قُرْآنًا عَرَبِيًّا لِقَوْمٍ يَعْلَمُونَ

(3) އެފޮތުގެ آيةތައް تفصيلކޮށްދެއްވާފައިވާ ފޮތެކެވެ. عربބަހުންވާ قرآنއެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ.

بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ

(4) އުފާވެރިކަމުގެ خبرދޭ، އަދި ބިރުވެރިކަމުގެ خبرދޭ ފޮތެއްކަމުގައެވެ. ފަހެ، އެއުރެންކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ، އެއުރެން އަޑެއް ނާހަތެވެ.

وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِمَّا تَدْعُونَا إِلَيْهِ وَفِي آذَانِنَا وَقْرٌ وَمِنْ بَيْنِنَا وَبَيْنِكَ حِجَابٌ فَاعْمَلْ إِنَّنَا عَامِلُونَ

(5) އަދި އެއުރެން ބުނޫއެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ (ކަލޭގެފާނުގެ ގޮތުގައި) ކަލޭގެފާނު މަސައްކަތްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) މަސައްކަތް ކުރާނޫއެވެ.

قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ وَوَيْلٌ لِلْمُشْرِكِينَ

(6) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحىއިއްވަވަނީ، ތިޔަބައިމީހުންގެ إلهއަކީ، އެއް إلهއެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް ސީދާވާށެވެ! އަދި ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! އަދި شريكކުރާ މީހުންނަށް ހަލާކުހުށްޓެވެ.

الَّذِينَ لَا يُؤْتُونَ الزَّكَاةَ وَهُمْ بِالْآخِرَةِ هُمْ كَافِرُونَ

(7) އެއުރެންނީ زكاة ނުދޭ މީހުންނެވެ. އަދި އެއުރެންނީ (ހަމަ) آخرةދުވަހަށް كافرވާ މީހުންނެވެ.

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ

(8) ހަމަކަށަވަރުން، إيمانވެ صالح عملތައް ކުޅަމީހުންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.

قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَنْدَادًا ذَلِكَ رَبُّ الْعَالَمِينَ

(9) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން كافرވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން شريكންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، عالمތަކުގެ ވެރިރަސްކަލާނގެއެވެ.

وَجَعَلَ فِيهَا رَوَاسِيَ مِنْ فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِلسَّائِلِينَ

(10) އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ رزق މިންވަރުކުރެއްވިއެވެ. (އެއީ) سؤالކުރާ މީހުންނަށްޓަކައެވެ.

ثُمَّ اسْتَوَى إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ

(11) ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحىކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.

فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَى فِي كُلِّ سَمَاءٍ أَمْرَهَا وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ

(12) ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبيرކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ عزيزވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ.

فَإِنْ أَعْرَضُوا فَقُلْ أَنْذَرْتُكُمْ صَاعِقَةً مِثْلَ صَاعِقَةِ عَادٍ وَثَمُودَ

(13) ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވާށެވެ! عادބާގައިމީހުންނާއި ثمودބާގައިމީހުންނަށް އައި ހޮނުގުގުރީގެ عذابފަދަ عذابއެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް إنذارކުރައްވަމެވެ.

إِذْ جَاءَتْهُمُ الرُّسُلُ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوا إِلَّا اللَّهَ قَالُوا لَوْ شَاءَ رَبُّنَا لَأَنْزَلَ مَلَائِكَةً فَإِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ

(14) އެއުރެންގެގާތަށް، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފަހަތުން رسولން ވަޑައިގެން اللَّهއަށް މެނުވީ އަޅުކަން ނުކުރުމަށް އެންގެވިހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ (رسولން ފޮނުއްވެވުމަށް) އިރާދަކުރެއްވިނަމަ، ފޮނުއްވީހީ ملائكةންނެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބޭކަލުން އެކަންތަކާއިގެން ފޮނުއްވެވި ކަންތަކަށް، ތިމަންމެން كافرވަމުއެވެ.

فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ

(15) ފަހެ، عادބާގައިމީހުން ދަންނާށެވެ! އެއުރެން حقއަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آيةތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.

فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَحِسَاتٍ لِنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَى وَهُمْ لَا يُنْصَرُونَ

(16) ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ حياةގައި ނިކަމެތިކަމުގެ عذابގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، آخرةގެ عذابގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް نصرއެއް ނުލިބޭނެތެވެ.

وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَى عَلَى الْهُدَى فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ

(17) އަދި ثمودބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) اختيارކުރޫއެވެ. އެއުރެން ހޯދައިއުޅުނު عملތަކުގެ ސަބަބުން، އިހާނަތްތެރި عذابގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ.

وَنَجَّيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ

(18) އަދި إيمانވެ، تقوىވެރިވާކަމުގައިވިމީހުން، ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ.

وَيَوْمَ يُحْشَرُ أَعْدَاءُ اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ

(19) އަދި اللَّهގެ عدوّން އެންމެން އެކުގައި ނަރަކަޔަށް އެއްކުރައްވާދުވަސް ހަނދުމަކުރާށެވެ!

حَتَّى إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ

(20) އެ ނަރަކަޔަށް އެއުރެން حاضرވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު عملތަކަށް ހެކިދޭނެތެވެ.

وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ

(21) އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوعކުރައްވާހުށީ އެކަލާނގެ حضرةއަށެވެ.

وَمَا كُنْتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَكِنْ ظَنَنْتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِمَّا تَعْمَلُونَ

(22) ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ عملތަކުން ގިނަކަންތައް اللَّه ދެނެވޮޑިގެންނުވާނޭ ކަމަށެވެ.

وَذَلِكُمْ ظَنُّكُمُ الَّذِي ظَنَنْتُمْ بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُمْ مِنَ الْخَاسِرِينَ

(23) އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ.

فَإِنْ يَصْبِرُوا فَالنَّارُ مَثْوًى لَهُمْ وَإِنْ يَسْتَعْتِبُوا فَمَا هُمْ مِنَ الْمُعْتَبِينَ

(24) ފަހެ، އެއުރެން ކެތްކުރާނަމަވެސް، އެއުރެން ތިބެނިވިތަނަކީ، ނަރަކަޔެވެ. އެއުރެން عذرދެއްކުމަށް އެދޭނަމަ، ފަހެ عذر قبولކުރައްވާނެ މީހުންގެ ތެރެޔަކުން އެއުރެން ނުވެތެވެ.

وَقَيَّضْنَا لَهُمْ قُرَنَاءَ فَزَيَّنُوا لَهُمْ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِنَ الْجِنِّ وَالْإِنْسِ إِنَّهُمْ كَانُوا خَاسِرِينَ

(25) އަދި ތިމަންރަސްކަލާނގެ އެއުރެންނަށް އެކުވެރިންތަކެއް ލެއްވީމެވެ. ފަހެ، އެ އެކުވެރިން އެއުރެންނަށް، އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް ޒީނަތްތެރިކޮށްދިނެވެ. އަދި އެއުރެންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ أمّةތަކުގެ ތެރޭގައި އެއުރެންގެ މައްޗަށް عذابގެ ބަސްފުޅު حقވެއްޖެއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ.

وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ

(26) كافرވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މި قرآن އަޑުނާހާށެވެ! (އަދި قرآنކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ!

فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ

(27) ފަހެ، ހަމަކަށަވަރުން، كافرވިމީހުންނަށް ތިމަންރަސްކަލާނގެ ގަދަވެގެންވާ عذابގެ ރަހަ ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ކޮށްއުޅުނު ނުބައި عملތަކަށް ޖަޒާ ދެއްވާހުށީމެވެ.

ذَلِكَ جَزَاءُ أَعْدَاءِ اللَّهِ النَّارُ لَهُمْ فِيهَا دَارُ الْخُلْدِ جَزَاءً بِمَا كَانُوا بِآيَاتِنَا يَجْحَدُونَ

(28) އެއީ اللَّهގެ عداوةތެރިންގެ ޖަޒާއެވެ. (އެއީ) ނަރަކަޔެވެ. އެތާނގައި އެއުރެންނަށް ދެމިތިބެނިވި ގޮވައްޗެއްވެއެވެ. ތިމަންރަސްކަލާނގެ آيةތަކަށް އެއުރެން ދެކޮޅުހަދައި އުޅުނުކަމުގެ ޖަޒާއެއްގެގޮތުގައެވެ.

وَقَالَ الَّذِينَ كَفَرُوا رَبَّنَا أَرِنَا اللَّذَيْنِ أَضَلَّانَا مِنَ الْجِنِّ وَالْإِنْسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ الْأَسْفَلِينَ

(29) كافرވިމީހުން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ޖިންނީންނާއި، އިންސީންގެ ތެރެއިން އަޅަމެން މަގުފުރެއްދި ދެބައިމީހުން އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެބައިމީހުން އަޅަމެންގެ ފައިތިލަތަކުގެ ދަށަށް ލާހުށީމެވެ. (އެއީ) އެ ދެބައިމީހުން (عذابގެ) އެންމެއަޑީގައި ވުމަށްޓަކައެވެ.

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ

(30) ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّهއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكةން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعدކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبرލިބިގަންނާށެވެ!

نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ

(31) ތިމަންބޭކަލުންނީ ދުނިޔޭގެ حياةގައްޔާއި، آخرةގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفسތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.

نُزُلًا مِنْ غَفُورٍ رَحِيمٍ

(32) ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.

وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ

(33) اللَّهގެ حضرةއަށް (އައުމަށް) ގޮވާލައި، އަދި صالح عملކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّهއަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ

(34) ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوةތެރިކަމެއްވާ މީހާ، ގާތް رحمةތެރިޔަކު ފަދައިން ވެދާނެތެވެ.

وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ

(35) އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ.

وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ

(36) އަދި ހަމަކަށަވަރުން، شيطانއާގެ ފަރާތުން ވަސްވާސްތެރިކަމެއްއައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّهގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ

(37) ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް سجدة ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި اللَّهއަށް سجدةކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ.

فَإِنِ اسْتَكْبَرُوا فَالَّذِينَ عِنْدَ رَبِّكَ يُسَبِّحُونَ لَهُ بِاللَّيْلِ وَالنَّهَارِ وَهُمْ لَا يَسْأَمُونَ

(38) ފަހެ، އެއުރެން (اللَّهއަށް سجدةކުރުމަށް) ބޮޑާވެގެންފިނަމަ، ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައިވާ ملائكةން އެކަލާނގެއަށް ރެޔާއިދުވާލު تسبيحދަންނަވަތެވެ. އަދި އެބޭކަލުން އެކަމަކަށް ފޫހިފުޅެއްނުވެތެވެ.

وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ

(39) ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ حركاتފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

إِنَّ الَّذِينَ يُلْحِدُونَ فِي آيَاتِنَا لَا يَخْفَوْنَ عَلَيْنَا أَفَمَنْ يُلْقَى فِي النَّارِ خَيْرٌ أَمْ مَنْ يَأْتِي آمِنًا يَوْمَ الْقِيَامَةِ اعْمَلُوا مَا شِئْتُمْ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ

(40) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަންރަސްކަލާނގެއަށް ވަންހަނާވެގެންނެއްނުވެތެވެ. ފަހެ، ހެޔޮކަންބޮޑީ ނަރަކަޔަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ قيامةދުވަހު أمانކަމާއެކުގައި އަންނަމީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ

(41) ހަމަކަށަވަރުން، އެއުރެންގެގާތަށް قرآن އައިހިނދު، އެ قرآنއަށް كافرވިމީހުންނަށް (ގަދަވެގެންވާ عذابހުށްޓެވެ.) ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ.

لَا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ

(42) އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް باطلކަމެއް ނާންނާނެތެވެ. (އެއީ) حمدލިބިވޮޑިގެންވާ، حكيمވަންތަރަސްކަލާނގެ حضرةން ބާވައިލެއްވި ފޮތެކެވެ.

مَا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِنْ قَبْلِكَ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ

(43) ކަލޭގެފާނުގެ ކުރިންފޮނުއްވި رسولންނަށްވެސް ދެންނެވުނު ބަސްތަކެއްމެނުވީ، ކަލޭގެފާނަކަށް ނުދެންނެވެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުމުގެ ވެރި، އަދި ވޭންދެނިވި عذابދެއްވުމުގެ ވެރިރަސްކަލާނގެކަން ކަށަވަރެވެ.

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَقَالُوا لَوْلَا فُصِّلَتْ آيَاتُهُ أَأَعْجَمِيٌّ وَعَرَبِيٌّ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى أُولَئِكَ يُنَادَوْنَ مِنْ مَكَانٍ بَعِيدٍ

(44) ތިމަންރަސްކަލާނގެ عربނޫން ބަހަކުން قرآنއެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (عربބަހުން) އެ ފޮތުގެ آيةތައް تفصيلކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް عرب ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، عربىއަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، إيمانވި މީހުންނަށްވާ ތެދުމަގެކެވެ. އަދި شفاءއެއްވެސްމެއެވެ. އަދި إيمان ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ.

وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَاخْتُلِفَ فِيهِ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ لَقُضِيَ بَيْنَهُمْ وَإِنَّهُمْ لَفِي شَكٍّ مِنْهُ مُرِيبٍ

(45) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسىގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު خلافވެވުނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ، شكއެއްގައިކަން ކަށަވަރެވެ.

مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ

(46) صالح عملއެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفسއަށެވެ. އަދި ނުބައި عملއެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުުރީ، ހަމަ އެ نفسގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.

إِلَيْهِ يُرَدُّ عِلْمُ السَّاعَةِ وَمَا تَخْرُجُ مِنْ ثَمَرَاتٍ مِنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنْثَى وَلَا تَضَعُ إِلَّا بِعِلْمِهِ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَائِي قَالُوا آذَنَّاكَ مَا مِنَّا مِنْ شَهِيدٍ

(47) قيامةދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ ދެނެވޮޑިގަތުމާ އެކުގައިމެނުވީ، އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑަކުން ނުނިކުންނާނެތެވެ. އަދި އަންހެނަކު މާބަނޑެއް ނުވާނެތެވެ. އަދި ނުވެސް ވިހާނެތެވެ. އަދި ތިމަންރަސްކަލާނގެއަށް شريكކުރިމީހުން ކޮބައިހޭ އެކަލާނގެ ގޮވައިލައްވައި وحىކުރައްވާ ދުވަހު، އެއުރެން ބުނާނެތެވެ. (އިބަރަސްކަލާނގެއަށް شريكއަކުވާކަމަށް) ހެކިވާ ހަމައެކަކުވެސް، ތިމަންމެންގެ ތެރޭގައި ނުވާކަމަށް އިބަރަސްކަލާނގެއަށް ތިމަންމެން މިދެންނެވީއެވެ.

وَضَلَّ عَنْهُمْ مَا كَانُوا يَدْعُونَ مِنْ قَبْلُ وَظَنُّوا مَا لَهُمْ مِنْ مَحِيصٍ

(48) އަދި މީގެކުރިން އެއުރެން دعاءކޮށް، އަޅުކަންކޮށްއުޅުނު ތަކެތި އެއުރެންގެކިބައިން ގެއްލިހިނގައްޖެއެވެ. އަދި (عذابން) އެއުރެން ފިލަންދާނެތަނެއް ނެތްކަން، އެއުރެންނަށް يقينވެއްޖެއެވެ.

لَا يَسْأَمُ الْإِنْسَانُ مِنْ دُعَاءِ الْخَيْرِ وَإِنْ مَسَّهُ الشَّرُّ فَيَئُوسٌ قَنُوطٌ

(49) ހެޔޮކަންތަކަށް دعاءކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ.

وَلَئِنْ أَذَقْنَاهُ رَحْمَةً مِنَّا مِنْ بَعْدِ ضَرَّاءَ مَسَّتْهُ لَيَقُولَنَّ هَذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُجِعْتُ إِلَى رَبِّي إِنَّ لِي عِنْدَهُ لَلْحُسْنَى فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُمْ مِنْ عَذَابٍ غَلِيظٍ

(50) އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި حالއެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ حضرةން رحمةއެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި قيامةވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حضرةއަށް ތިމަން رجوعކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ حضرةގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، كافرވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި عملތަކުގެ خبرއަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ عذابއަކުން އެއުރެންނަށް ތިމަންރަސްކަލާނގެ عذابގެ ރަހަ ދައްކަވާހުށީމެވެ.

وَإِذَا أَنْعَمْنَا عَلَى الْإِنْسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ

(51) އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمةދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاءކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ.

قُلْ أَرَأَيْتُمْ إِنْ كَانَ مِنْ عِنْدِ اللَّهِ ثُمَّ كَفَرْتُمْ بِهِ مَنْ أَضَلُّ مِمَّنْ هُوَ فِي شِقَاقٍ بَعِيدٍ

(52) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަންބުނެބަލާށެވެ! اللَّهގެ حضرةންއައި އެއްޗެއްކަމަށް އެ (قرآن) ވެފައި، ދެން ތިޔަބައިމީހުން އެއަށް كافرވެއްޖެނަމަ (ތިޔަބައިމީހުންގެ حالވާނީ ކޮންފަދައަކުން ހެއްޔެވެ؟ حقއާ) ދުރުވެގެންވާ، ދެކޮޅުވެރިކަމެއްގައިވާ މީހަކަށްވުރެ ފުރެދުންބޮޑީ ކާކުހެއްޔެވެ؟

سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ

(53) އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفسތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حقތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟

أَلَا إِنَّهُمْ فِي مِرْيَةٍ مِنْ لِقَاءِ رَبِّهِمْ أَلَا إِنَّهُ بِكُلِّ شَيْءٍ مُحِيطٌ

(54) ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެ ކަމާމެދު އެއުރެންވަނީ شكކަމެއްގައެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.