logo logo

وَالطُّورِ

(1) طورފަރުބަދައާއި،

وَكِتَابٍ مَسْطُورٍ

(2،3) ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި،

فِي رَقٍّ مَنْشُورٍ

(2،3) ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި،

وَالْبَيْتِ الْمَعْمُورِ

(4) البيت المـعمورއާއި (އެބަހީ: އުޑުގައި ملائكةން އަޅުކަން ކުރައްވާ ތަނާއި)

وَالسَّقْفِ الْمَرْفُوعِ

(5) އުފުލިގެންވާ އުޑާއި،

وَالْبَحْرِ الْمَسْجُورِ

(6) ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحىކުރައްވަމެވެ.

إِنَّ عَذَابَ رَبِّكَ لَوَاقِعٌ

(7) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذابއަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ.

مَا لَهُ مِنْ دَافِعٍ

(8) އެ عذاب (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ.

يَوْمَ تَمُورُ السَّمَاءُ مَوْرًا

(9) އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ.

وَتَسِيرُ الْجِبَالُ سَيْرًا

(10) އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ.

فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(11) ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ.

الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ

(12) އެއުރެންނީ ހަމަ باطلވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ.

يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا

(13) އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ.

هَذِهِ النَّارُ الَّتِي كُنْتُمْ بِهَا تُكَذِّبُونَ

(14) (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ.

أَفَسِحْرٌ هَذَا أَمْ أَنْتُمْ لَا تُبْصِرُونَ

(15) ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟

اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاءٌ عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ

(16) ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! އަދި (އެ عذابއަށް) ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ

(17) ހަމަކަށަވަރުން، تقوىވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ نعمةގައެވެ.

فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ

(18) (އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذابން އެއުރެން ދިންނެވިއެވެ.

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنْتُمْ تَعْمَلُونَ

(19) (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!

مُتَّكِئِينَ عَلَى سُرُرٍ مَصْفُوفَةٍ وَزَوَّجْنَاهُمْ بِحُورٍ عِينٍ

(20) (އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حالގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعينން އަނބިކޮށްދެއްވީމެވެ.

وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُمْ مِنْ عَمَلِهِمْ مِنْ شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ

(21) އަދި إيمانވިމީހުން އެއުރެންގެ ދަރިން إيمانވުމާއެކު، އެއުރެންނަށް تبعވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عملއަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عملއަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.

وَأَمْدَدْنَاهُمْ بِفَاكِهَةٍ وَلَحْمٍ مِمَّا يَشْتَهُونَ

(22) އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ.

يَتَنَازَعُونَ فِيهَا كَأْسًا لَا لَغْوٌ فِيهَا وَلَا تَأْثِيمٌ

(23) އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ.

وَيَطُوفُ عَلَيْهِمْ غِلْمَانٌ لَهُمْ كَأَنَّهُمْ لُؤْلُؤٌ مَكْنُونٌ

(24) އަދި އެއުރެންނަށް خاصވެފައިވާ ފިރިހެންކުދިން އެއުރެންގެ خدمةގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ.

وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءَلُونَ

(25) އަދި އެކަކު އަނެކަކާ سؤالކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.

قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ

(26) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهلވެރިންގެ ތެރޭގައި އުޅުނުއިރު (اللَّهގެ عذابއަށް) ބިރުވެތިވެގެންވީމުއެވެ.

فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ

(27) ދެން اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ عذابން ތިމަންމެން ދިންނެވިއެވެ.

إِنَّا كُنَّا مِنْ قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ

(28) ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، إحسانތެރިވަންތަ، رحيمވަންތަ ކަލާނގެއެވެ.

فَذَكِّرْ فَمَا أَنْتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ

(29) ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمةފުޅުން ކަލޭގެފާނީ، كاهنއަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ.

أَمْ يَقُولُونَ شَاعِرٌ نَتَرَبَّصُ بِهِ رَيْبَ الْمَنُونِ

(30) އަދި ކިއެއްތަ! އެއީ شاعرއެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ.

قُلْ تَرَبَّصُوا فَإِنِّي مَعَكُمْ مِنَ الْمُتَرَبِّصِينَ

(31) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ.

أَمْ تَأْمُرُهُمْ أَحْلَامُهُمْ بِهَذَا أَمْ هُمْ قَوْمٌ طَاغُونَ

(32) އަދި ކިއެއްތަ! އެއުރެންގެ ބުއްދިތައް އެގޮތަށް ބުނުމަށް އެއުރެންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންނީ ވިސްނުމަކާނުލައި ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟

أَمْ يَقُولُونَ تَقَوَّلَهُ بَلْ لَا يُؤْمِنُونَ

(33) އަދި ކިއެއްތަ! އެ قرآنއަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެއުރެން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން إيمانއެއް ނުވެތެވެ.

فَلْيَأْتُوا بِحَدِيثٍ مِثْلِهِ إِنْ كَانُوا صَادِقِينَ

(34) ފަހެ، އެއުރެންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ قرآنއަކާއިގެން އައިސްބަލާށެވެ!

أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ

(35) އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟

أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَلْ لَا يُوقِنُونَ

(36) އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، إيمان ނުވާ ބަޔެކެވެ.

أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ

(37) އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ خزانةތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟

أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُمْ بِسُلْطَانٍ مُبِينٍ

(38) އަދި ކިއެއްތަ! (ملائكةން ދައްކަވާ ވާހަކަފުޅު) އެއުރެން އެހުމަށް އެއުރެންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ، އެއުރެންކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ حجّةއެއް ގެނެސްދީބަލާށެވެ!

أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ

(39) އަދި ކިއެއްތަ! އެކަލާނގެއަށް އަންހެންދަރިންވެފައި، ފިރިހެންދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟

أَمْ تَسْأَلُهُمْ أَجْرًا فَهُمْ مِنْ مَغْرَمٍ مُثْقَلُونَ

(40) އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟

أَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُونَ

(41) އަދި ކިއެއްތަ! ފަހެ، އެއުރެން އެއިން ލިޔުމަށް އެއުރެންގެ ގާތުގައި غيبގެ علمވަނީ ހެއްޔެވެ؟

أَمْ يُرِيدُونَ كَيْدًا فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ

(42) އަދި ކިއެއްތަ! އެއުރެން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަން އެދެނީހެއްޔެވެ؟ ފަހެ، ކެހިވެރިކަން ރައްދުވާބަޔަކީ كافرންނެވެ.

أَمْ لَهُمْ إِلَهٌ غَيْرُ اللَّهِ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ

(43) އަދި ކިއެއްތަ! اللَّه ފިޔަވައި އެހެން إلهއެއް އެއުރެންނަށް ވަނީހެއްޔެވެ؟ އެއުރެން شريكކުރާ ތަކެތިން اللَّه ހުސްطاهرވަންތަވެވޮޑިގެންވެއެވެ.

وَإِنْ يَرَوْا كِسْفًا مِنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَرْكُومٌ

(44) (އެއުރެންނަށް عذابއެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެއުރެންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެއުރެން ބުނާނެތެވެ.

فَذَرْهُمْ حَتَّى يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ

(45) ފަހެ، އެއުރެން ހަލާކުވެގެންދާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنْصَرُونَ

(46) (އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް نصرވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ.

وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَلِكَ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

(47) ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) عذابގެ އިތުރަށް عذابހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ

(48) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكمފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيحވިދާޅުވާށެވެ!

وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ

(49) އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް تسبيحވިދާޅުވާށެވެ!