logo logo

اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ

(1) قيامةވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.

وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ

(2) އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ.

وَكَذَّبُوا وَاتَّبَعُوا أَهْوَاءَهُمْ وَكُلُّ أَمْرٍ مُسْتَقِرٌّ

(3) އަދި އެއުރެން (حقބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبعވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.

وَلَقَدْ جَاءَهُمْ مِنَ الْأَنْبَاءِ مَا فِيهِ مُزْدَجَرٌ

(4) ހަމަކަށަވަރުން، خبرތަކުގެ ތެރެއިން އެކަންކަމުގައި عبرةހިމެނިގެންވާ خبرތައް އެއުރެންގެ ގާތަށްއައެވެ.

حِكْمَةٌ بَالِغَةٌ فَمَا تُغْنِ النُّذُرُ

(5) (މިއީ) ފުރިހަމަވެގެންވާ حكمةއެކެވެ. ފަހެ، إنذارތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ.

فَتَوَلَّ عَنْهُمْ يَوْمَ يَدْعُ الدَّاعِ إِلَى شَيْءٍ نُكُرٍ

(6) ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!

خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُنْتَشِرٌ

(7) އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ.

مُهْطِعِينَ إِلَى الدَّاعِ يَقُولُ الْكَافِرُونَ هَذَا يَوْمٌ عَسِرٌ

(8) ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ حالގައެވެ. كافرވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ

(9) އެއުރެންގެ ކުރިން نوحގެފާނުގެ قومގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ.

فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانْتَصِرْ

(10) ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاءކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصرދެއްވާނދޭވެ!

فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُنْهَمِرٍ

(11) ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ.

وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَى أَمْرٍ قَدْ قُدِرَ

(12) އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ.

وَحَمَلْنَاهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ

(13) އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.

تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ

(14) ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوحގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ.

وَلَقَدْ تَرَكْنَاهَا آيَةً فَهَلْ مِنْ مُدَّكِرٍ

(15) އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟

فَكَيْفَ كَانَ عَذَابِي وَنُذُرِ

(16) ފަހެ، ތިމަންރަސްކަލާނގެ عذابއާއި، ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުން ހެއްޔެވެ؟

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ

(17) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ

(18) عادބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذابއާއި ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުން ހެއްޔެވެ؟

إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُسْتَمِرٍّ

(19) ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ.

تَنْزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُنْقَعِرٍ

(20) އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ.

فَكَيْفَ كَانَ عَذَابِي وَنُذُرِ

(21) ފަހެ، ތިމަންރަސްކަލާނގެ عذابއާއި ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުން ހެއްޔެވެ؟

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ

(22) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟

كَذَّبَتْ ثَمُودُ بِالنُّذُرِ

(23) ثمودބާގައިމީހުން إنذارތައް ދޮގުކުރޫއެވެ.

فَقَالُوا أَبَشَرًا مِنَّا وَاحِدًا نَتَّبِعُهُ إِنَّا إِذًا لَفِي ضَلَالٍ وَسُعُرٍ

(24) ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން تبعވާންވީ ތިމަންމެންގެ ތެރެއިން އެންމެ آدمގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ.

أَأُلْقِيَ الذِّكْرُ عَلَيْهِ مِنْ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ

(25) ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް وحىބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީހެކެވެ.

سَيَعْلَمُونَ غَدًا مَنِ الْكَذَّابُ الْأَشِرُ

(26) ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ.

إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَهُمْ فَارْتَقِبْهُمْ وَاصْطَبِرْ

(27) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް امتحانއެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި انتظارކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!

وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ كُلُّ شِرْبٍ مُحْتَضَرٌ

(28) އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު) ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) حاضرކުރައްވާފައިވެއެވެ.

فَنَادَوْا صَاحِبَهُمْ فَتَعَاطَى فَعَقَرَ

(29) ފަހެ، އެއުރެންގެ އެކުވެރިޔާއަށް އެއުރެން ގޮވޫއެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ.

فَكَيْفَ كَانَ عَذَابِي وَنُذُرِ

(30) ފަހެ، ތިމަންރަސްކަލާނގެ عذابއާއި، ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުންހެއްޔެވެ؟

إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ

(31) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ.

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ

(32) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

كَذَّبَتْ قَوْمُ لُوطٍ بِالنُّذُرِ

(33) لوطގެފާނުގެ قومގެމީހުން إنذارތައް ދޮގުކުރޫއެވެ.

إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ نَجَّيْنَاهُمْ بِسَحَرٍ

(34) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوطގެފާނުގެ أهلވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ.

نِعْمَةً مِنْ عِنْدِنَا كَذَلِكَ نَجْزِي مَنْ شَكَرَ

(35) ތިމަންރަސްކަލާނގެ حضرةން ދެއްވި نعمةއެއްގެގޮތުގައެވެ. شكرކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ.

وَلَقَدْ أَنْذَرَهُمْ بَطْشَتَنَا فَتَمَارَوْا بِالنُّذُرِ

(36) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عقوباتގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް إنذارކުރެއްވިއެވެ. ފަހެ، އެއުރެން އެ إنذارތަކާމެދު شكކުރޫއެވެ.

وَلَقَدْ رَاوَدُوهُ عَنْ ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ

(37) އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذابއާއި، إنذارގެ ރަހަ ލިބިގަންނާށެވެ!

وَلَقَدْ صَبَّحَهُمْ بُكْرَةً عَذَابٌ مُسْتَقِرٌّ

(38) އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި عذابއައިސް އެއުރެންނަށް ޖެހުނެވެ.

فَذُوقُوا عَذَابِي وَنُذُرِ

(39) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذابއާއި، إنذارގެ ރަހަ ލިބިގަންނާށެވެ!

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ

(40) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

وَلَقَدْ جَاءَ آلَ فِرْعَوْنَ النُّذُرُ

(41) ހަމަކަށަވަރުން، فرعونގެމީހުންގެ ގާތަށް إنذارތައް އައެވެ.

كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُقْتَدِرٍ

(42) ތިމަންރަސްކަލާނގެ ދެއްކެވި ހުރިހާ معجزاتތައް އެއުރެން ދޮގުކުރޫއެވެ. ފަހެ، عزيزވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ.

أَكُفَّارُكُمْ خَيْرٌ مِنْ أُولَئِكُمْ أَمْ لَكُمْ بَرَاءَةٌ فِي الزُّبُرِ

(43) އެއުރެންނަށްވުރެ ތިޔަބައިމީހުންގެ كافرން، ހެޔޮކަން ބޮޑީހެއްޔެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި عذابން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީހެއްޔެވެ؟

أَمْ يَقُولُونَ نَحْنُ جَمِيعٌ مُنْتَصِرٌ

(44) ނުވަތަ ތިމަންމެން އެންމެންނީ، نصرލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟

سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ

(45) އެ (كافرންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.

بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ

(46) އަދި ކިއެއްތަ! އެއުރެންނަށް (عذابދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، قيامةވުމުގެ ވަގުތެވެ. އަދި قيامةވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ.

إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ

(47) ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ.

يَوْمَ يُسْحَبُونَ فِي النَّارِ عَلَى وُجُوهِهِمْ ذُوقُوا مَسَّ سَقَرَ

(48) (އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!

إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ

(49) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.

وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ

(50) އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ.

وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِنْ مُدَّكِرٍ

(51) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟

وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ

(52) އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ.

وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ

(53) އަދި ކުދިބޮޑު އެންމެހާ ކަންތައް (اللّوح المحفوظގައި) ލިޔުއްވާފައިވެއެވެ.

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ

(54) ހަމަކަށަވަރުން، تقوىވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمةގައެވެ.

فِي مَقْعَدِ صِدْقٍ عِنْدَ مَلِيكٍ مُقْتَدِرٍ

(55) ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرةގައެވެ.