logo logo

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ

(1) އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް، اللَّهއަށް تسبيحކިޔައިފިއެވެ. އަދި އެކަލާނގެއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.

لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

(2) އުޑުތަކާއި، ބިމުގެ ވެރިކަން ملكވެގެންވަނީ، އެކަލާނގެއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ

(3) އެކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން) ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (حسّތަކަށް) ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

(4) އެކަލާނގެއީ، އުޑުތަކާއި، ބިން، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ عرشގެ މައްޗަށް استواءވެވޮޑިގަތެވެ. ބިމުގެތެރެޔަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. އަދި اللَّهއީ، ތިޔަބައިމީހުން ކުރާ عملތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَإِلَى اللَّهِ تُرْجَعُ الْأُمُورُ

(5) އުޑުތަކާއި، ބިމުގެ ވެރިކަން މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އެންމެހާ ކަންތައް رجوعކުރައްވާހުށީ، اللَّهގެ حضرةއަށެވެ.

يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَهُوَ عَلِيمٌ بِذَاتِ الصُّدُورِ

(6) އެކަލާނގެ، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

آمِنُوا بِاللَّهِ وَرَسُولِهِ وَأَنْفِقُوا مِمَّا جَعَلَكُمْ مُسْتَخْلَفِينَ فِيهِ فَالَّذِينَ آمَنُوا مِنْكُمْ وَأَنْفَقُوا لَهُمْ أَجْرٌ كَبِيرٌ

(7) اللَّهއާއި، އެކަލާނގެ رسولއާއަށް ތިޔަބައިމީހުން إيمانވާށެވެ! އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خليفةވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން إيمانވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ.

وَمَا لَكُمْ لَا تُؤْمِنُونَ بِاللَّهِ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِنْ كُنْتُمْ مُؤْمِنِينَ

(8) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمانވުމަށް رسولއާ ތިޔަބައިމީހުންނަށް ގޮވައިލައްވާ حال، ތިޔަބައިމީހުން اللَّهއަށް إيمان ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުންގެ (ކިބައިން) ކަށަވަރުވެގެންވާ عهد ހިއްޕަވާފައިވެއެވެ. ތިޔަބައިމީހުންނީ، مؤمنން ކަމުގައި ވާނަމައެވެ.

هُوَ الَّذِي يُنَزِّلُ عَلَى عَبْدِهِ آيَاتٍ بَيِّنَاتٍ لِيُخْرِجَكُمْ مِنَ الظُّلُمَاتِ إِلَى النُّورِ وَإِنَّ اللَّهَ بِكُمْ لَرَءُوفٌ رَحِيمٌ

(9) އެކަލާނގެއީ، ބަޔާންވެގެންވާ آيةތަކެއް، އެކަލާނގެ އަޅާގެ މައްޗަށް ބާވައިލައްވާ ރަސްކަލާނގެއެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

وَمَا لَكُمْ أَلَّا تُنْفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ لَا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ أُولَئِكَ أَعْظَمُ دَرَجَةً مِنَ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا وَكُلًّا وَعَدَ اللَّهُ الْحُسْنَى وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ

(10) އަދި اللَّهގެ މަގުގައި ތިޔަބައިމީހުން ހޭދަނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އުޑުތަކާއި، ބިމުގެ މިލްކުވެރިކަންވަނީ اللَّهއަށެވެ. (مكة) فتحވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް، އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެތެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެން ދަރަޖައިގެގޮތުން އެއުރެން (އެބަހީ: مكة فتحކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާ މާތްކަންބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮދަރުމަ, اللَّه وعدކުރައްވާފައިވެއެވެ. އަދި اللَّهއީ، ތިޔަބައިމީހުން ކުރާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ

(11) ހެޔޮވެގެންވާ ދަރަންޏަކުން اللَّهއަށް ދަރަނިދޭހުށީ (އެބަހީ: اللَّهއަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، އެމީހަކަށްޓަކައި (އެކަމުގެ) ދަރުމަ، އެކަލާނގެ ގިނަގުނަކުރައްވާނެތެވެ. އަދި އެމީހަކަށް ދީލަތިވެގެންވާ ދަރުމަހުށްޓެވެ.

يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَى نُورُهُمْ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ذَلِكَ هُوَ الْفَوْزُ الْعَظِيمُ

(12) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން، އެއުރެންގެ ނޫރު ހިނގަހިނގާ ހުންނާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) މިއަދު ތިޔަބައިމީހުންނަށް އުފާވެރިކަމުގެ خبرހުށްޓެވެ. (އެއީ) އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيبލިބުމަކީ ހަމައެއީއެވެ.

يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انْظُرُونَا نَقْتَبِسْ مِنْ نُورِكُمْ قِيلَ ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُمْ بِسُورٍ لَهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِنْ قِبَلِهِ الْعَذَابُ

(13) (އެއީ) منافق ފިރިހެނުންނާއި، منافق އަންހެނުން، إيمانވި މީހުންނަށް ބުނާދުވަހެވެ. ތިޔަބައިމީހުންގެ ނޫރުން ތިމަންމެން އަލިކަމެއް ލިބިގަތުމަށްޓަކައި ތިޔަބައިމީހުން ތިމަންމެންނަށް انتظارކުރާށެވެ! އަންގަވާނެތެވެ. ތިޔަބައިމީހުންގެ ފަހަތަށް ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! ފަހެ، ތިޔަބައިމީހުން (އެހެން) ނޫރަކަށް އެދޭށެވެ! ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ رحمةއެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ عذابއެވެ.

يُنَادُونَهُمْ أَلَمْ نَكُنْ مَعَكُمْ قَالُوا بَلَى وَلَكِنَّكُمْ فَتَنْتُمْ أَنْفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّى جَاءَ أَمْرُ اللَّهِ وَغَرَّكُمْ بِاللَّهِ الْغَرُورُ

(14) އެެއުރެން (އެބަހީ: منافقން) އަނެއްބައި މީހުންނަށް ގޮވައި އުޅޭނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަމުހެއްޔެވެ؟ އެއުރެން (އެބަހީ: مؤمنން) ބުނާނެތެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ފިތުނަވެރިކޮށް، ހަލާކުކުޅައީމުއެވެ. އަދި (مؤمنންނަށް ދެރަލިބުމަށް) ތިޔަބައިމީހުން انتظارކުޅައީމުއެވެ. އަދި ތިޔަބައިމީހުން شكކުޅައީމުއެވެ. އަދި ދޮގު އުންމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. اللَّهގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. އަދި اللَّهއާމެދު شيطانއާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ.

فَالْيَوْمَ لَا يُؤْخَذُ مِنْكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا مَأْوَاكُمُ النَّارُ هِيَ مَوْلَاكُمْ وَبِئْسَ الْمَصِيرُ

(15) ފަހެ، މިއަދު ތިޔަބައިމީހުންގެ ކިބަޔަކުން އަދި كافرވިމީހުންގެ ކިބަޔަކުންވެސް فديةއެއް އަތުނުލައްވާހުށްޓެވެ. ތިޔަބައިމީހުން ތިބެނިވިތަނަކީ ނަރަކަޔެވެ. ތިޔަބައިމީހުންގެ އެހީތެރި ފަރާތަކީވެސް އެއީއެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ

(16) اللَّه ހަނދުމަކުރުމަށާއި، حقބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمانވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسقންނެވެ.

اعْلَمُوا أَنَّ اللَّهَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ

(17) ބިންގަނޑު މަރުވެ އޮތުމަށްފަހު، ހަމަކަށަވަރުން، اللَّه އެ ބިންގަނޑު ދިރުއްވާކަން ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި آيةތައް ބަޔާންކޮށްދެއްވީމެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ

(18) ހަމަކަށަވަރުން، صدقاتކުރާ ފިރިހެނުންނާއި، صدقاتކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން اللَّهއަށްޓަކައި ދަރަނި ދިން (އެބަހީ: اللَّهއަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ!) އެއުރެންނަށް (އެކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެތެވެ. އަދި އެއުރެންނަށް ދީލަތިވެގެންވާ ދަރުމަ ހުށްޓެވެ.

وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ أُولَئِكَ هُمُ الصِّدِّيقُونَ وَالشُّهَدَاءُ عِنْدَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَئِكَ أَصْحَابُ الْجَحِيمِ

(19) اللَّهއާއި، އެކަލާނގެ رسولންނަށް إيمانވިމީހުން (ދަންނާށެވެ!) އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި صدّيقންނާއި، شهيدންނެވެ. އެއުރެންގެ ދަރުމައާއި، އެއުރެންގެ ނޫރު، އެއުރެންނަށް ހުށްޓެވެ. އަދި كافرވެ، ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ ނަރަކައިގެ أهلވެރިންނެވެ.

اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

(20) ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائبކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި آخرةގައިވަނީ، ގަދަފަދަވެގެންވާ عذابއެވެ. އަދި اللَّهގެ حضرةން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.

سَابِقُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

(21) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، اللَّهއަށާއި، އެކަލާނގެ رسولންނަށް إيمانވި މީހުންނަށްޓަކައެވެ. އެއީ اللَّهގެ فضلވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެ فضلވަންތަކަން ދެއްވަތެވެ. اللَّهއީ، ބޮޑުވެގެންވާ فضلވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.

مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ

(22) އެއްވެސް مصيبةއެއް، ތިމަންރަސްކަލާނގެ އެ مصيبةއެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظގައި) ލިޔުއްވާފައިވާ حالގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّهއަށް ދާދިފަސޭހަ ކަމެކެވެ.

لِكَيْلَا تَأْسَوْا عَلَى مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

(23) (އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، فخرވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَمَنْ يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ

(24) އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި ދަހިވެތިވުމަށް މީސްތަކުންނަށް އަމުރުކުރާ މީހުންނެވެ. (اللَّهގެ މަގަށް) ފުރަގަސްދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمدލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ

(25) ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އަދި އެ رسولންނާއެކު، ފޮތާއި، عدل إنصافގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائمކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި اللَّهއާއި، އެކަލާނގެ رسولންނަށް نصرދެނީ ކާކުކަން اللَّهދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެއެވެ.

وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ فَمِنْهُمْ مُهْتَدٍ وَكَثِيرٌ مِنْهُمْ فَاسِقُونَ

(26) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނާއި إبراهيمގެފާނު رسولކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسولންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسقންނެވެ.

ثُمَّ قَفَّيْنَا عَلَى آثَارِهِمْ بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنْجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ

(27) ދެން ތިމަންރަސްކަލާނގެ އެބޭކަލުންނާ ވިދިގެން ފަހަތުން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އަދި مريمގެފާނުގެ ދަރިކަލުން عيسىގެފާނު އެބޭކަލުންގެ ފަހުން ފޮނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيلދެއްވީމެވެ. އަދި އެކަލޭގެފާނަށް تبعވީ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި، رحمލެއްވީމެވެ. އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެއުރެން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއްނޫނެވެ. އެހެނެއްކަމަކު، އެކަން އެއުރެން ފެށީ، اللَّهގެ ރުހިވޮޑިގަތުން އެދިގެންނެވެ. ފަހެ، އެއުރެން حقގޮތުގައި އެކަމަށް ރައްކާތެރިވާންވީ ވަރަކަށް ރައްކާތެރިއެއް ނުވެތެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންގެ ތެރެއިން إيمانވި މީހުންނަށް އެއުރެންގެ ދަރުމަ ދެއްވީމެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسقންނެވެ.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِنْ رَحْمَتِهِ وَيَجْعَلْ لَكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ

(28) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި އެކަލާނގެ رسولއާއަށް إيمانވާށެވެ! އޭރުން އެކަލާނގެ رحمةން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.

لِئَلَّا يَعْلَمَ أَهْلُ الْكِتَابِ أَلَّا يَقْدِرُونَ عَلَى شَيْءٍ مِنْ فَضْلِ اللَّهِ وَأَنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

(29) އެއީ اللَّهގެ فضلވަންތަކަމުގެ ތެރެއިން އެއްވެސްކަމެއްގެ މައްޗަށް އެއުރެންނަށް ކުޅަދާނަވެގެން ނުވާކަން، ފޮތުގެ أهلވެރިން ދެނެގަތުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فضلވަންތަކަންވަނީ، اللَّهގެ يدقدرةފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަން ދެއްވަތެވެ. اللَّهއީ، ބޮޑުވެގެންވާ فضلވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.