(1) އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
(2) ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.
(3) އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ!
(4) ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآنކިޔަވައި ވިދާޅުވާށެވެ!
(5) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ.
(6) ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.
(7) ހަމަކަށަވަރުން، ކަލޭގެފާނަށް ދުވާލުގެ ވަގުތުގައި ގިނަ މަސައްކަތްތަކެއް ވެއެވެ.
(8) ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ حضرةއަށް إخلاصތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ!
(9) (އެއީ) مشرقއާއި، مغربގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން إلهއަކު ނުވެއެވެ. ފަހެ، وكيلއަކު ކަމުގައި ކަލޭގެފާނު އެކަލާނގެ خيارކުރައްވާށެވެ!
(10) އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ!
(11) އަދި ފައިސާވެރި، ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެއުރެންނަށް مهلةދެއްވާށެވެ!
(12) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةގައި ކަސްތަޅުތަކާއި ނަރަކަވެއެވެ.
(13) އަދި ކަރުގައި އަޅައިގަންނަ ކާނާއާއި، ވޭންދެނިވި عذابވެސްމެއެވެ.
(14) އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ.
(15) ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލެއްކަމުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ގާތަށް رسولއަކު ފޮނުއްވީމެވެ. فرعونގެގާތަށް ތިމަންރަސްކަލާނގެ رسولއަކު ފޮނުއްވި ފަދައިންނެވެ.
(16) ފަހެ، فرعون، رسولއާއަށް އުރެދުނެވެ. ދެން ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذابގެ ހިއްޕެވުމަކުން ހިއްޕަވައި، އެ فرعون ހަލާކުކުރެއްވީމެވެ.
(17) ފަހެ، ތިޔަބައިމީހުން كافرވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ عذابން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟
(18) އެދުވަހުން އުޑު އިރައިރައިގެން ދާނެތެވެ. އެކަލާނގެ وعدފުޅު ފުރިހަމަވާނެކަން يقينއެވެ.
(19) ހަމަކަށަވަރުން، މިއީ ހަނދާންކޮށްދިނުމެކެވެ. ފަހެ، (ހަނދާންކުރުމަށް) އެދޭމީހާ، އެމީހާގެ ވެރިރަސްކަލާނގެ حضرةއަށް މަގެއް ހިފާހުށިކަމެވެ!
(20) ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّهއެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائمވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفوކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآنން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!