logo logo

عَمَّ يَتَسَاءَلُونَ

(1) އެއުރެން އެކަކު އަނެކަކާ سؤالކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟

عَنِ النَّبَإِ الْعَظِيمِ

(2) ބޮޑުވެގެންވާ خبرއާ މެދުގައެވެ.

الَّذِي هُمْ فِيهِ مُخْتَلِفُونَ

(3) އެ خبرއަކީ، އެއުރެން އެއާމެދު خلافވެގެންވާ خبرއެވެ.

كَلَّا سَيَعْلَمُونَ

(4) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.

ثُمَّ كَلَّا سَيَعْلَمُونَ

(5) ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.

أَلَمْ نَجْعَلِ الْأَرْضَ مِهَادًا

(6) ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟

وَالْجِبَالَ أَوْتَادًا

(7) އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟

وَخَلَقْنَاكُمْ أَزْوَاجًا

(8) އަދި (ދެ جنسން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ.

وَجَعَلْنَا نَوْمَكُمْ سُبَاتًا

(9) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ.

وَجَعَلْنَا اللَّيْلَ لِبَاسًا

(10) އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ.

وَجَعَلْنَا النَّهَارَ مَعَاشًا

(11) އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ.

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

(12) ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.

وَجَعَلْنَا سِرَاجًا وَهَّاجًا

(13) އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ.

وَأَنْزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا

(14) އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

لِنُخْرِجَ بِهِ حَبًّا وَنَبَاتًا

(15) އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ.

وَجَنَّاتٍ أَلْفَافًا

(16) އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا

(17) ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ.

يَوْمَ يُنْفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا

(18) ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشرބިމަށް) ބައިބަޔަށް އަންނާނޫއެވެ.

وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا

(19) އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ.

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا

(20) އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.

إِنَّ جَهَنَّمَ كَانَتْ مِرْصَادًا

(21) ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ.

لِلطَّاغِينَ مَآبًا

(22) كافرންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.

لَابِثِينَ فِيهَا أَحْقَابًا

(23) އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حالގައެވެ.

لَا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

(24) އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ.

إِلَّا حَمِيمًا وَغَسَّاقًا

(25) ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهلވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.

جَزَاءً وِفَاقًا

(26) (އެއުރެންގެ عملތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا

(27) ހަމަކަށަވަރުން حسابބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ.

وَكَذَّبُوا بِآيَاتِنَا كِذَّابًا

(28) ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آيةތައް އެއުރެން ދޮގުކުރޫއެވެ.

وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا

(29) އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ.

فَذُوقُوا فَلَنْ نَزِيدَكُمْ إِلَّا عَذَابًا

(30) ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عملތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذابމެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.

إِنَّ لِلْمُتَّقِينَ مَفَازًا

(31) ހަމަކަށަވަރުން، تقوىވެރިންނަށް ހުރީ، نصيبލިބެނިވި ތަނެކެވެ.

حَدَائِقَ وَأَعْنَابًا

(32) ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.

وَكَوَاعِبَ أَتْرَابًا

(33) އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.

وَكَأْسًا دِهَاقًا

(34) އަދި ފުރިފައިވާ ރާތަށިތަކެވެ.

لَا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا

(35) باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.

جَزَاءً مِنْ رَبِّكَ عَطَاءً حِسَابًا

(36) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.

رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَنِ لَا يَمْلِكُونَ مِنْهُ خِطَابًا

(37) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمنވަންތަ ރަސްކަލާނގެ حضرةންނެވެ. އެކަލާނގެ حضرةއަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ.

يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا لَا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَنُ وَقَالَ صَوَابًا

(38) جبريلގެފާނާއި، ملائكةން ސަފަކަށް قائمވެ ތިއްބަވާ ދުވަހެވެ. رحمنވަންތަ ރަސްކަލާނގެ، އެމީހަކަށް إذنދެއްވައި، حقތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ.

ذَلِكَ الْيَوْمُ الْحَقُّ فَمَنْ شَاءَ اتَّخَذَ إِلَى رَبِّهِ مَآبًا

(39) އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرةއަށް رجوعވުމެއް ހިފައިފާހުށިކަމެވެ!

إِنَّا أَنْذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنْتُ تُرَابًا

(40) ހަމަކަށަވަރުން، ގާތްވެގެންވާ عذابއެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذارކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافرވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟